ގެލެކްސީ ނޯޓު އެސް7 އުރީދޫން ތައާރަފްކޮށްފި

ވަރަށް ހާއްސަ އޮފާތަކަކާ އެކު ސެންސަންގުގެ އެންމެ ފަހުގެ ސްމާޓްފޯން، ގެލެކްސީ ނޯޓް7 އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ފޯނު ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ފޯނު ގަންނަ ކޮންމެ މީހަކަށް 128 ޖީބީގެ އެސްޑީ މެމަރީ ކާޑެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އުރީދޫން ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންގެންދާ އެއްބާރުލުމާ އެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖެ އަށް ފަހުގެ ޓެކްނޮލޮޖީތަކާއި ވަސީލަތްތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ތިބުމަށް. ސެމްސަންގް އިން އެންމެ ފަހުން ނެރުނު ފޯނު ވަނީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައި. މިގޮތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނާ ހަމައަށް މި ފޯނު ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެން ވަނީ ވަރަށް ފަސޭހަ އަދި އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްފައި،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވެ އެވެ.

އުރީދޫން ބުނީ މާކެޓްގައި ލިބެންހުރި އެންމެ ރަގަޅު އަގުގައި އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް7 ލިބޭނެ ކަމަށެވެ. އަދި އެ ކުންފުނިން ތައާރަފް ކޮށްފައިވާ ޕްރީޕެއިޑް ޕްލޭން މެދުވެރިކޮށް ގަނެފައިވާ ފޯނާ އެކު އަހަރެއްގެ ތެރޭގައި ބޭނުން ކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނިޓު ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. އެ ގޮތުން ކޮންމެ މަހަކު ވެސް އެއް ޖީބީގެ ހިލޭ ޑޭޓާ އާއިއެކު، 100 މިނިޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ސެމްސަންގް ގެލެކްސީ ނޯޓު 7، 64 ޖީބީގެ ފޯނެއް ވިއްކަނީ 12،899ރ. އަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓް7 ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫން ވަރަށް ހިތްގައިމު އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެގޮތުން މަހަކު 890ރ. ދައްކައިގެން ފޯނު ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި، މަހަކު 1،299 ރުފިޔާ ދައްކަން ޖެހޭ ހަ މަހުގެ އިންސްޓޯލްމެންޓް ޕްލޭން އެއް ވެސް ހިމެނެ އެވެ. މި ޕްލޭންތައް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 7 ގަނެވޭނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ހިޔާރުކުރާ ކަސްޓަމަރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.