މުވައްޒަފުންނަށް އަތް ނުލެވޭ ޑޮކިއުމެންޓުތަކުގައި ކަންބޮޑުވާ ވަރުގެ މައްސަލައެއް ނެތް: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީގައި މުވައްޒަފުންނަށް އަތް ނުލެވޭ ގޮތަށް ހުރި ޑޮކިއުމެންޓްތަކުގައި މާބޮޑު މައްސަލައެއް ފެންނަން ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.


މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަލީ ވަހީދު ވިދާޅުވެފައި ވަނީ ހައްލުކުރަން ޖެހިފައިވާ ގިނަ މައްސަލަތަކެއް އެ މިނިސްޓްރީގައި އެބަހުރި ކަމަށެވެ. މިނިސްޓްރީގައި ހުރި ބައެއް ލިޔުންތަކަކީ ކުރީގެ މިނިސްޓަރުންގެ އެދުމުގެ މަތިން މުވައްޒަފުން އަތްލުން މަނާ ލިޔުންތަކެއް ކަމަށާއި އެއީ ކޮންކޮން ލިޔުންތަކެއްތޯ މިހާރު ބަލަމުންދާ ކަމަށް ވެސް އޭރު ވިދާޅުވެފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، އެ ލިޔެކިޔުންތަކުގެ އޮޑިޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ބެލިބެލުމުން އެނގޭ ގޮތުގައި އެ ލިޔެކިޔުންތަކަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދުވަސްވަރުން ފެށިގެން ހުރި ލިޔެކިޔުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ޑޮކިއުމެންޓްތަކުގައި މުވައްޒަފުން އަތްލާ ގޮތަކަށް ނޫން ކަންކަން ކުރީކީ،" އޭނާ ވިދާޅުވި އެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި ހުރީ އޮފީހުގެ ބައެއް މުއާމަލާތްތަކުގެ ބައެއް އޮރިޖިނަލް ޑޮކިއުމެންޓްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަަކު ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.