ނަޖިސް އެކުލެވޭ ފޭކް ސިނގިރެޓް އިނގިރޭސި ވިލާތުގައި

އިނގިރޭސިވިލާތުގައި ގިނަ އަދަދަށް ފޭކް ސިނގިރެޓް ދައުވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ކުރިމަތި ވެދާނެ ސިއްހީ ނުރައްކަލަށް ސަމާލުވާން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި އެވެ.


އިނގިރޭސިވިލާތުގެ 370 ކައުންސިލެއް ތަމްސީލު ކުރާ ލޯކަލް ގަވަރަމަންޓް އެސޯސިއޭޝަން (އެލްޖީއޭ) އިން މި މައްސަލައާ ގުޅިގެން ވަނީ، ފޭކް ސިނގިރެޓް ވިއްކާ މީހުން ހޯދައި، އެ މީހުންނަށް ހަރިކަށި އަދަބު ދޭން ވެސް ގޮވާލައިފ އެވެ. އެގޮތުން ފޭކް ސިނގިރެޓް ވިއްކާ މީހުން ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރަން އެލްޖީއޭ އިން ގޮވާލާފައިވެ އެވެ.

ސިނގިރެޓަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ވާއިރު، އެތައް މިލިއަން ފޭކް ސިނގިރޭޓު ދައުރުވާތީ ސިއްހީ ނުރައްކާ އަދި ވަކިން ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. ރިޕޯޓްތައް ބުނާ ގޮތުން އެފަދަ ސިނގިރެޓްތައް ތައްޔާރުކޮށްފައި ހުންނަނީ އިންސާނުންނާއި ހިކަނދި ފަދަ އެއްޗެހީގެ ނަޖިހާއި އެކި ފާޑުގެ ސޫފި ވެސް ބޭނުންކޮށްގެންނެވެ.

އެހެންވެ މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން އިލްތިމާސްކޮށްފައިވެ އެވެ. އަދި ފޭކް ސިނގިރެޓް ވިއްކާކަން އެނގޭ ނަމަ އެ މައުލޫމާތު ހިއްސާކުރާނެ ހޮޓްލައިނެއް ވެސް އެލްޖީއޭ އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެލްޖީއޭގެ ސޭފާ އެންޑް ސްޓްރޯންގާ ކޮމިނިއުނިޓީޒް ބޯޑްގެ ޗެއާމަން ސައިމަން ބްލެކްބާން ވިދާޅުވި ގޮތުގައި ފޭކް ސިނގިރެޓް ދަނީ ބައެއް ފިހާރަތަކާއި މީސްމީހުންގެ ގޭގޭގައި ވިއްކުމުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ޕްރޮމޯޓްކޮށް އެއަށް ފަންޑް ވެސް ހޯދަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭންގްތަކުން ފޭކް ސިނގިރެޓް އުފެއްދުމުފެ ވިޔަފާރި އަށް ފަންޑު ކުރާ ކަމަށް ވިދާޅުވި އެވެ.

ފޭކް ސިނގިރެޓް ކާޓަންތަކެއް.

"މީގެ ސަބަބުން ސިއްހީ އަދި މާ ބޮޑު ނުރައްކަލެއްގެ ތެރެއަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ވެއްޓުމުގެ އިތުރަށް، ސިނގިރެޓްގެ ވިޔަފާރި ގަވައިދާ އެއްގޮތަށް ކުރާ މީހުންގެ ވިޔަފާރި ވެސް ދަނީ ހަލާކުވަމުން."

ސައިމަން ވިދާޅުވި ގޮތުގައި ފޭކް ސިނގިރެޓް ޒުވާނުންނަށް ވަރަށް ބޮޑަށް ޓާގެޓްކޮށްފައި ވާތީ، އެންމެ ބުއްދިވެރީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމެވެ.

"އެ އެއްޗެހި އުފައްދާފައި ހުންނަނީ ކެންސަރަށް މަގޔފަހި ކުރުވާ މާއްދާތާ ވެސް މަތީ މިންވަރަށް ބޭނުންކޮށްގެން. އެހެންވީމާ ސިނގިރެޓް ގަތުމުގެ ކުރިން އެބަޖެހޭ ދެވަނަ ވިސްނުމަކަށް ދާން،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން ދޭން އޮތް އިރުޝާދަކީ ދުންފަތުގެ އިސްތިއުމާ ކުރުމާ ދުރުވާށޭ."

ދެހާސް ސާދައިގައި އެކްޝަން އޮން ސްމޯކިން އެންޑް ހެލްތުން ހަދާފައިވާ ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ ވޭލްސްގައި އެކަނި ވެސް ދުވާލެއްގެ މައްޗަށް އެއް މިލިއަން ފޭކް ސިނގިރެޓް ވިއްކަ އެވެ.