އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުން 70 ކުންފުންޏަކަށް ލޯނު ދިން: ގަވަރުނަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިންގި ކްރެޑިޓް ގެރެންޓީ ސްކީމުގެ ދަށުން މިހާތަނަށް 70 ލޯނު އެކި ފަރާތްތަކަށް ދީފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


ބޭންކް އޮފް ސިލޯންގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނަސީރު ވިދާޅުވީ، އެމްއެމްއޭއިން 37 އަހަރުގެ ތެރޭގައި މާލީ ދާއިރާ އާއި ބޭންކިން އިންޑަސްޓްރީ ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން، އެއް މިލިއަނަށް ވުރެ މަދުން ނަގާ ލޯނުތަކަށް ގެރެންޓީދީފައިވާ ކަމަށް ވިދާޅުވި އެވެ. އެމްއެމްއޭ މެދުވެރިކޮށް ނަގާ ލޯނުތަކުގެ 90 ޕަސެންޓަށް އެ އިދާރާއިން ގެރެންޓީދެ އެވެ.

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، މާލީ ގޮތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކުން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ކަމަށް ހައްލެއް ގެނައުމަށް ޑިޖިޓަލް ފައިނޭންޝަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭ ވެބްސައިޓް މެދުވެރިކޮށް ކްރެޑިޓް ހިސްޓްރީ، ކުންފުނިތަކާއި އާންމުންނަށް ލިބޭނެ ގޮތް ވަރަށް އަވަހަށް ފަހިވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހެން ހެދުމުން ލޯނަށް އެދުމުގެ މަސައްކަތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ބޭންކް އޮފް ސިލޯނުން ހުޅުމާލޭގައި ހުޅުވި ބްރާންޗުގެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ--ފޮޓޯ:އެޗްޑީސީ

މާލީ ދާއިރާ ކުރިއަރައިގެންދިއުމުން މުޅި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި ބޭންކް އޮފް ސިލޯނުން ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމުގައި ބޮޑު ހިއްސާއެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުޅުވި މި ބްރާންޗުން ބޭންކް އޮފް ސިލޯން މާލޭ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އެގޮތުން ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ އާއި ހުރިހާ އެޕްލިކޭޝަންތަކެއް ބަލައިގަންނާނެ އެވެ. އަދި އޭޓީއެމްގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ބޭންކް އޮފް ސިލޯނުގެ ބްރާންޗު ހުޅުވާފައިވަނީ ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އަމީން އެވެނިއުގެ ކޮމާޝަލް ބްލޮކްގަ އެވެ. އެންމެ ފުރަތަމަ ބޭންކު އޮފް ސިލޯނުގެ ބްރާންޗެއް ހުޅުވާފައިވަނީ 1981 ވަނަ އަހަރު މާލެގަ އެވެ.

އިތުރު ބްރާންޗެއް ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި އެ ބޭންކުގެ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެބޭންކުން ބުންޏެވެ.

ބޭންކް އޮފް ސިލޯނަކީ ރާއްޖޭގައި ހިދުމަތްލިބޭ ސްރީ ލަންކާގެ ހަމަ އެކަނި ބޭންކެވެ. ބޭންކު އޮފް ސިލޯނު އެންމެ ފުރަތަމަ އުފައްދާފައިވަނީ 1939 ވަނަ އަހަރު އެވެ. ސްރީ ލަންކާގައި ބޭންކުގެ ހިދުމަތް ފުޅާކޮށް، ތިން ގައުމެއްގައި މިހާރު ވަނީ ބްރާންޗުތައް ގާއިމްކޮށްފަ އެވެ. އެގޮތުން މާލޭގެ އިތުރުން އިންޑިއާގެ ޗެންނާއީ އާއި އިނގިރޭސިވިލާތުގެ ލަންޑަން އާއި ސީޝެލްސްގައި ވެސް ބްރާންޗެއް ވަނީ ގާއިމްކޮށްފަ އެވެ.