އޯޑަރު ކުރީ ބުޅާ ކާނާ އަށް ލިބުނީ، ބަޑިއަކާއި ޕެޕަ ސްޕްރޭ

އޮންލައިން ފިހާރަތަކުން ކަސްޓަމަރުން އޯޑަރުކުރާ ތަކެތި ނޫން އެއްޗެހި ލިބުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލައެކެވެ. ފޯނަކަށް އޯޑަރުކޮށްފި ނަމަ، ގާބުރިއެއް ނުވަތަ އިއަފޯނެއް ކަހަލަ އެއްޗެއް ލިބުނު ކަސްޓަމަރުން މަދެއް ނުވާނެ އެވެ.


މި ފަހަރު ވެސް ހަމަ މި ކަހަލަ ހާދިސާއެކެވެ. ކެނެޑާގެ އަންހެނަކު އެމެޒޯން އިން އޯޑަރުކުރީ އޭނާ ގެންގުޅޭ ބުޅަލަށް ދޭނެ ކާނާއަށެވެ. އެކަމަކު ލިބުނީ އެ ގައުމުގައި މަނާކޮށްފައިވާ ހަތިޔާރުގެ ބާވަތެއް ކަމަށްވާ ސްޓަން ގަންއަކާއި ޕެޕާ ސްޕްރޭ އެވެ.

ޖެސީންތު ކާޑިން ބުނި ގޮތުގައި އޯޑަރު ނުކުރާ "ނުރައްކާތެރި" ސާމާނު އޭނާ އަށް ލިބުމުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ވަރަށް ބިރު ގަތެވެ. އެހެންވެ ފަހުން އައި ހިޔާލާ އެކު އެ މައްސަލަ މޮންޓްރިއެލްގެ ޕޮލިސް ސްޓޭޝަނަށް ގޮސް އެތަކެތި ފުލުހުންނާ ހަވާލު ކުރީ އެވެ. އަދި އެމެޒޯން އަށް ވެސް މިކަން އެންގި އެވެ.

އޭގެ ބަދަލުގައި އޭނާ އެ ބަޑީގެ މައްސަލަ ފުލުހުންނާ ހަމައަށް ނުގެންދިޔަ ނަމަ، އެމެޒޯންއާ ހެދި ގާނޫނީ ގޮޅިއަކަށް ވެސް ފެތިދާނެ އެވެ.

މިކަމާ ބެހޭ ގޮތުން އެމެޒޯން އިން ބުނީ އެއީ ބާ-ކޯޑް ސްކޭނިން އެރާއަކުން ދިމާވި ކަމެއް ކަމަށާއި މައާފަށް އެދޭ ކަމަށެވެ. އަދި ޖެސީންތު އޯޑަރު ކުރި ބުޅާ ކާނާ ފޮނުވައި ދިނުމަށް ފަހު ބުނީ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އޮޮޅުންބޮޅުން އަރައިގެން އެމެޒޯން އިން ކަސްޓަމަރުން ބައެއް ހާލަތްތަކުގައި ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓައިލާ ކަމަށް ބުނެ ބައެއް މީހުން ވަނީ ޓްވިޓާގައި ފާޑު ވެސް ކިޔައިފަ އެވެ.

އެކަކު ބުނި ގޮތުގައި ބުޅާ ކާނާ އަށް އޯޑަރު ކުރަން ބޭނުން ނަމަ، ދެން އޯޑަރު ކުރާނީ ސްޓަން ގަންއަކަށެވެ. އޭރުން ލިބޭތީ ބުޅާ ކާނާ ކަމަށް ބުންޏެވެ. އަދި މިއީ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް އަދިވެސް ވަރީގެ އުދާސްތަކުން އަރައިނުގަނެވޭތީ ދިމާވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.