ރާއްޖޭގެ ލޭނާރަކީ އެސްއެމްއީތައް: ފައްޔާޒު

މިހާރު ރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ބޭންކިންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ދަރަނީގެ މައުލޫމާތު ލިބޭ ޕްލެޓްފޯމު އިފްތިތާހު ކުރުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ދައުރެއް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަދާކުރާ ކަމަށެވެ. އަދި އެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޭނުންނާ ފައިނޭންސް ނުލިބުން ކަމަށް ވިދާޅުވި އެވެ. މިކަމަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ސަރުކާރުން އެސްއެމްއީ ބޭންކެއް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން މި ދަނީ. އެފަދަ ވިޔަފާރިތަކަށް ހާއްސަ ޕޮލިސީއެއް ގާއިމް ކުރެވި، ހާއްސަކަމެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް އިގްތިސާދު ކުރިއަށް ގެންދިއުމަށެވެ.

ފައްޔާޒު ވިދާޅުވީ ކުދި ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭން ބޭރުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށެވެ. އެފަދަ ކަންކަމަށް ވެސް އެންމެ ބޮޑު ހުރަހަކީ ބޭނުންވާ ފައިސާ ނެތުން ކަމަށާއި ރާއްޖޭގައި ހިންގާ ބޭންކްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކެއްގެ ދައުރު ރާއްޖޭގައި އަދާކުރާ ބަޔަކަށް ވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދިވެހި ރާއްޖޭގެ ބޮޑެތި ކުންފުނިތައް، ދިވެހި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރާތަން. ސަރުކާރު ކުންފުނިތައް ކަންމަތީ ފިހާރަ ހިންގުމުގެ ބަދަލުގައި ބޭރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގައި ބައިވެރިވެ އޭގެ މަންފާ ދިވެހިރާއްޖެއަށް ހޯދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި، މާލީ ދާއިރާގައި ރާއްޖެއަށް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ގައުމަކަށް ވެވޭނެ ކަމަށާއި އެގޮތުން ވެސް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމަށެވެ.