"ލުއި" ލޯނު ބޮޑުކުރިޔަސް އާންމުންގެ ހިތްހަމަނުޖެހުން!

ލުއި އެކްސްޕްރެސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނު 300،000ރ އާ ހަމައަށް އިތުރުކުރިޔަސް އެ ލޯނުގެ އިންޓަރެސްޓް ރޭޓާއި ޝަރުތު ހަމަވާ މުސާރަ ބޮޑުވުމުން އާންމުންގެ ޝަކުވާ އޮއްސާލައިފި އެވެ. އެކަމަކު ބީއެމްއެލުން އެ ހުރިހާ ކަމެއް ވެސް ދިފާއުކުރި އެވެ.


އެއްވެސް ރަަހުނެއް ނެތި ހަމައެކަނި މުސާރަ އަށް ބިނާކޮށް ބީއެމްއެލުން ކުރިން ދެމުން އައި ލުއި އެކްސްޕްރެސް ލޯނުގެ އެންމެ ބޮޑު އަދަދަކީ އެއް ލައްކަ ރުފިޔާ އެވެ. މިހާރު އެ މިންވަަރު ވަނީ 300،000ރ އަށް ބޮޑުކޮށްފަ އެވެ.

ލުއި މައިކްރޯގެ ނަމުގައި ދޫކުރަމުން އައި 15،000ރ. ގެ ލޯނު މިހާރު ވަނީ 25،000ރ. އަށް އިތުރުކޮށްފަ އެވެ.

މި ލޯނުތަކުގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް "ލައިފް ސްޓައިލް"ގެ ނަމުގައި އާ ލޯނެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. ރަހުނަކާ އެކު އެ ލޯނު 1.5 މިލިއަން ރުފިޔާއާ ހަމައަށް ނެގެ އެވެ. އަދި ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ލިބެ އެވެ.

އެކަމަކު ބީއެމްއެލްގެ މި ލޯނުތަކާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ގައުމީ ބޭންކަށް ފާޑުކިޔަން ފަށައިފަ އެ. އެއް ބަޔަކު ބުނީ "ލުއި"ގެ ނަމުގައި ބޭންކުން ލޯނު ދޫކުރި ނަމަވެސް ލޯނު ލުއިވާ ސަބަބު ގަބޫލުނުކުރެވޭ ކަމަށެވެ. އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަނީ 18 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަށެވެ.

އެހާ ބޮޑު މިންވަރެއްގައި އިންޓަރެސްޓް ހުރުމުން ލޯނު އަނބުރާ ދައްކާ އިރު ބީއެމްއެލަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެތީ އެއީ "ލުއި" ލޯނެއް ކަމަށް ގަބޫލުނުކުރާ ކަމަށް، ބައެއް މީހުން ބުނެ އެވެ.

ލުއި އެކްސްޕްރެސްގެ ދަށުން 300،000ރ އާ ހަމައަށް ލޯނު ލިބޭނީ، ބޭންކުން ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލާއިރު، މަހަކު 60،000ރ ގެ މުސާރައެއް ލިބޭ މީހުންނަށް ކަމަށް ވާތީ އެއީ އާންމު ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެވަރުގެ މުސާރައެއް ރާއްޖޭގައި ލިބޭނީ ނިސްބަތުން މަދު ބަޔަކަށެވެ. އެގޮތުން އެއީ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ކަމަށް ވާތީ ބީއެމްއެލްގެ އާ ބަދަލުން އާދައިގެ މީހަކަށް އެ މިންވަރު ނުލިބޭނެ ކަމަށް، ބައެއް މީހުން ބުނެފައިވެ އެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ބީއެމްއެލުން ބުނާ ގޮތުގައި ލުއި ލޯނަކީ އެ ބޭންކްގެ އެންމެ މަގްބޫލު ލޯނު ސްކީމެވެ. އެގޮތުން މިހާތަނަށް ލޯނު ދައްކަމުން އަންނަ 40،000 މީހުންނަށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

އެވްރެޖުކޮށް ކޮންމެ މަހަކު 1،000 އަށް ވުރެ ގިނަ މީހުން ލުއި ލޯނު ނަގަ އެވެ.

ބީއެމްއެލުން "ލުއި" މާނަކުރާ ގޮތް ވެސް ތަފާތެވެ. އެ ލަފުޒު ބޭނުންކުރަނީ ބޭންކްގެ އެހެން ލޯނުތަކާ ހިލާފަށް، ރަހުނެއް ބަހައްޓަން ނުޖެހުމާއި ހަމައެކަނި މުސާރައަށް ބަލާފައި ދޫކުރުމާއި، ލޯނު ލިބެން ނަގާ މުއްދަތު ވެސް ކުރުކަމުން، އެ ފަސޭހަތަކަށް ނިސްބަތްކޮށެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަބަދުވެސް ޕްރޮޑަކްޓްތައް ބައްޓަންކުރަމުން އަންނަ ކަމަށެވެ.

ލުއި އެކްސްޕްރެސް ލޯނު ދޫކުރަނީ ގަވައިދުން އެކައުންޓަށް މުސާރަ ޖަމާވާ މީހުންނަސް އަމާޒުކޮށް އަދި ލިބޭ މުސާރަ އަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ މީހަކަށް ވެސް އެންމެ ބޮޑުކޮށް އެ ލޯނު ލިބޭނީ، އޭނާ ވިދާޅުވި ގޮތުގައި، މުސާރައިގެ ފަސް ގުނައަށެވެ.

ބޭންކުން ލުއި އެކްސްޕްރެސް ތައާރަފްކުރީ 2013 ގަ އެވެ. އޭގެ ތިން އަހަރު ފަހުން 2016 ގައި ލުއި ލޯނު ގެ މިންވަރު 50،000ރ. އިން އެއް ލައްކައަށް ބޮޑުކުރި އެވެ. އެކަމަކު ލޯނު ނަގާ މިންވަރު ބިނާވަނީ މުސާރައަށެވެ. މިސާލަކަށް މަހަކު 4،000ރ ލިބޭ މީހަކަށް 20،000ރ ގެ ލޯނު ނެގޭނެ އެވެ. އެއް ލައްކަ ރުފިޔާގެ ލޯނު ނެގޭނީ މަހަކު 20،000ރ ގެ މުސާރައަކަށެވެ. އެނިސްބަތުން ބަލާ އިރު 300،000ރ ގެ ލޯނު ލިބެނީ މަހަކު 60،000ރ މުސާރަ ލިބޭ މީހުންނަށެވެ.

ލުއި އެކްސްޕްރެސްގެ ލޯނުތައް ކުރިން ދެނީ ތިން އަހަރުން ކަމަށް ވިޔަސް، މިހާރު އެ މުއްދަތު ވަނީ ފަސް އަހަރަށް ދިގުކޮށްފަ އެވެ. އެހެންކަމުން މަހު ދައްކަން ޖެހޭ އަދަދު ކުޑަވެ އެވެ.