އެސްޓީއޯ އަށް ލިބެންޖެހޭ 2.4 ބިލިއަން ރުފިޔާ ހޯދަން ކޯޓަށް

އެސްޓީއޯ އަށް ލިބެންޖެހޭ 2.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖެ ޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމް ގައި އަމްރު ވިދާޅުވީ، މިދިޔަ 4-5 އަހަރުގެ ތެރޭގައި އެސްޓީއޯ އިން ކުރި ހުރިހާ ވިޔަފާރިއެއްގެ ފައިދާ ވަނީ އެހެން 'ދިމަދިމާލު' ގައި ހަރުލާފައި ކަމަށެވެ. އެއީ ލިބޭނެ ފައިސާތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެސްޓީއޯގެ ސަބްސިޑަރީ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ވެސް ފާއިތުވި އަހަރުތަކުގައި ހިންގާފައި ވަނީ އެއްވެސް އުސޫލެއް ނެތި އެވެ. އެގޮތުން، އެސްޓީއޯ އިން އެފްއެސްއެމް އަށް ތެޔޮ ވިއްކާ އަދަދަށް ވުރެ ހެޔޮކޮށް، އެ ކުންފުނިން އެހެން ފަރާތްތަކަށް ތެޔޮ ވިއްކާ ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންވެ، ތެޔޮ ވިއްކުމުގެ ކަންކަން ވެސް ހަރުދަނާކުރަން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަނބުރާ ނުލިބޭނެ [ފައިސާގެ] އަދަދުތަކުން އެބަހުރި ކަނޑައެޅިގެން ބޮޑެތި އަދަދުތައް. ސާޅީސް މިލިއަން 60 މިލިއަނުން އެބަހުރި، އަނބުރާ ދެން ނުލިބޭނެ އެ ފައިސާއެއް ވެސް،" އަމްރު ވިދާޅުވި އެވެ.

"ދެން ނަގަމުން ނަގަމުން ތިން ހަތަރު މަސް ދުވަހު ތެޔޮ ނަގާފައި ދެން ލާރި ދައްކަން ބަލާއިރު ލާރިއެއް ނެތް ދެއްކޭކަށް. ދެން އެ ހިސާބުން ދިޔައީ. އެގޮތަށް އެބަހުރި ބައިވަރު އަދަދުތައް. އިރާދަކުރެއްވިއްޔާ މިހާރު ވިއްކާނެ ބޭންޑުތަކެއް ހުންނާނެ ކަނޑައަޅާފައި. ސީދާ ފައިސާ ދީފައި ވަގުތުން ނަގަންޏާ މި ވެނި ވަރެއް އުޅޭނެ. އެ ގޮތަށް އައިސްގެން ނުލިބޭނެ އިތުރު މީހަކަށް އާ ރޭޓެއް.. އެ ރޭޓުތަކާ ހިލާފަށް ދެން އެތަނުގެ ތެރޭގައި އަދި މީހަކު އައިސްގެން ވެސް އެ ނޫން ގޮތަކަށް ނުވިއްކޭނެ."

އަމްރު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތެޔޮ ވިއްކަނީ މިފްކޯ އާއި ފެނަކަ އަށް ކަމަށެވެ. ނަމަވެސް، އެ ކުންފުނިތަކަށް ތެޔޮ ވިއްކުމަށް ފަހު ފައިސާ އަނބުރާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި، މިނިސްޓްރީތަކުގެ އެންގުމަށް ރަށްރަށުގެ ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ވަސީލަތްތަކާއި މަގުމަތީގައި އަތުރާ ގާ ގެނައުމުން ފަހު، އެ އެއްޗެހި ބޭނުން ނުކުރާ ހާލަތަށް ވެސް ވަކި ހިސާބަކުން ގޮސްފައި ވެ އެވެ. އެކަމަކު، އެ ތަކެއްޗަށް ލިބެންޖެހޭ ފައިސާ ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އަދި އެސްޓީއޯގެ އިމާރާތްތައް ކުއްޔަށް ނަގައިގެން އަހަރެއް ވެގެންދާއިރު ވެސް ކުލި ނުދައްކާ ކަމަށާއި އެ ހުރިހާ އެއްޗަކުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"2.4 ބިލިއަން ރުފިޔާ އެބައޮތް ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްޓީއޯ އަށް ދޭން ޖެހިފައި. އޭގެ ތެރޭގައި އެބަހުރި ފެނަކަ އިން ދޭންޖެހޭ 685 މިލިއަން ރުފިޔާ ނުދީ. އެސްޓީއޯ އިން ތެޔޮ ދެނީ. އެހެން ނޫނީ ރަށްރަށުގެ ކަަރަންޓެއް ނުހުންނާނެ. މިފްކޯ އަށް އެބަދޭންޖެހޭ ތެޔޮ. އެކަމަކު މިފްކޯ އިން ވެސް އަނބުރާ ފައިސާއެއް ނުލިބޭ. އެސްޓީއޯ އިން މިހާރު ތެޔޮ ގެންނަނީ ވެސް ލޯނު ނަގައިގެން. ބޮޑު އިންޓަރެސްޓް ރޭޓުގައި،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އަށް ހަގީގީ ފައިދާވާން ވަގުތުކޮޅެއް ނަގާނެ ކަމަށާއި ހުރިހާ ދިމާލަކުން ލީކުވާ ލީކުވުންތަކާއި ހުރިހާ އެއްޗެއް ހުއްޓުވިގެން ނޫނީ ހަގީގީ ފައިދާއެއް ކުންފުންޏަކަށް ނުފެންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ.