ބިދޭސީންނާ ގުޅޭ ކަންކަން ކުރުމަށް ނަގާނީ އާ މުވައްޒަފުން: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ އެތެރެވާ ބިދޭސީންނާ ގުޅޭ މައިގަނޑު މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަންގެ އަތުން އަތުލައި އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރުމުން، ބިދޭސީންނާ ބެހޭ ކަންކަން ކުރުމަށް ނަގާނީ އާ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.


ސަރުކާރުން އިއްޔެ ނިންމާފައި ވަނީ ބިދޭސީންނާ ގުޅޭ ބައެއް ކަންކަން އަންނަ މާޗް މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރުމަށެވެ. އެއީ، ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީ ވުމާއި ކޯޓާ ހަމަޖައްސައި ދިނުމާއި އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން އަދި ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި ރީފަންޑް ކުރުމެވެ.

އިމިގްރޭޝަނުން ދެން ބިދޭސީންނަށް ދޭނެ ހަމައެކަނި ޚިދުމަތަކީ ވިސާ ޖަހައި ދިނުމެވެ.

އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރި ޚިދުމަތްތައް ފަށަންވާއިރަށް، އެ މިނިސްޓްރީން މިހާރު ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް އެސިސްޓެންޓް ލޭބާ ރިލޭޝަންސް އޮފިސަރުންނާއި ގިނަ އަދަދެއްގެ އިންސްޕެކްޝަން އޮފިސަރުންގެ މަގާމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ބިދޭސީންނާ ގުޅޭ މަސައްކަތްތައް ކުރުމަށް އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު އެ މިނިސްޓްރީ އަކަށް ބަދަލެއް ނުކުރާނެ އެވެ.

ބިދޭސީންނާ ގުޅޭ ޚިދުމަތްތަކުގެ ތެރެއިން ވިސާ ޑިޕޮސިޓް ފީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވާއިރު، ވިސާ ޑިޕޮސިޓް ފީ ބަލައިގަންނާނީ އެ މިނިސްޓްރީގައި ގާއިމް ކޮށްފައިވާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކައުންޓަރަށެވެ. އިމިގްރޭޝަނުން އެ ޚިދުމަތް ދިން އިރު ވެސް އެ ފައިސާ ބަލައިގަތީ އެ އިދާރާ ގައި ގާއިމް ކޮށްފައިވާ މީރާގެ ކައުންޓަރުންނެވެ.