ކޭޓީ ޕެރީ ނެރުނު އުފެއްދުމަކުން ފާޑުކިޔުން

ކަޅު ނަސްލުގެ މީހުންނަށް ކުޑައިމީސްވާ ގޮތަށް މީގެ ކުރިން އުފެއްދުންތަކެއް ނެރެގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ފެޝަން ކުންފުނިތަކުގެ ތެރޭގައި ގުޗީ އާއި ޕްރާޑާ ހިމެނެ އެވެ.


މި ފަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަށް ވެސް މިކަހަލަ މައްސަލައެއްގައި މި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭނާގެ ނަމުގައި އަންހެނުންގެ ބޫޓާއި ފައިވާން ކަލެކްޝަނެއް ނެރުނު އިރު އޭގެ ތެރޭގައި ވަނީ ކަޅު މީހުންނާއި ދޮން މީހުންގެ ހަމުގެ ކުލައިގެ ފަރަގު ދައްކުވައިދޭ ގޮތަށް ދެ ކުލައެއް ހިމަނައިފަ އެވެެ.

މި ކަލެކްޝަނަށް ބަލާއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކަޅާއި ކްރީމް (ނޫޑް) ކުލައިގެ އުފެއްދުންތަކަށެވެ. ދޮން މީހުންނަށް ކްރީމް ކުލަ އެވެ. ކަޅު މީހުންނަށް ކަޅު ކުލަ އެވެ. މި ކަލެކްޝަނުން ރަމްޒުކޮށް ދެނީ ދެ ކުލައިގެ މީހުންގެ މޫނެވެ. އެގޮތުން ބޫޓާއި ފައިވާނުގައި ދެ ލޮލާއި ނޭފަތަކާއި ރަތް ކުލައިގެ ތުންފަތެއް ވެސް ހިމަނާފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ކޭޓީގެ ތަރުޖަމާ އެންބީސީ ނިއުސް އަށް ބުނީ އެ ކަލެކްޝަނަކީ ނަސްލީ ތަފާތު ކުރުންތަކަށް ހިތްވަރުދޭ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ކަލެކްޝަނުގައި ނުވަ ޝޭޑެއް ހިމަނާފައި ވާނެ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ބްލެކް، ބުލޫ، ގޯލްޑް، ގްރެފައިޓް، ނޫޑް، ލީޑް، ޕިންކް، ރެޑް އަދި ރެޑެވެ.

"އަހަރެން ވަރަށް ހިތާމަކޮށްފިން މި ކަލެކްޝަނުން މުޅިން ނުބައި މާނައެއް ބައެއް މީހުން ނަގާފައިވާތީ،" ކޭޓީ ބުންޏެވެ. "އަހަރެންގެ އެއްވެސް ނިޔަތެއް ނެތް ތަފާތު ކުރުމަށް ހިތްވަރު ދީ، ބަޔަކަށް ކުޑައިމީސް ކުރުމަކަށް."

ނަމަވެސް ނަސްލީ ތަފާތު ކުރުން މި ކަލެކްޝަނުން ހިތްވަރުދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވާން ފެށުމުން މިހާރު ވަނީ ކޭޓީ ޕެރީ ކަލެކްޝަން ވެބް ސައިޓުންނާއި ވޮލްމާޓާއި ޑިލާޑްސް ވިއްކުން ހުއްޓާލައިފަ އެވެ.