ދުނިޔޭގެ މަޝްހޫރު ކްލަބުތައް ކުޅޭ މުބާރާތެއްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ދިވެހިރާއްޖެ

ދުބާއީ އިންޓަކޮންޓިނެންޓަލް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ދިވެހިރާއްޖެ ވެއްޖެ އެވެ.


މި މުބާރާތް ބައްލަވާލެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ދުބާއީ އަށް ފުރާވަޑައިގެންފަ އެވެ. މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެ ވެފައިވާ އިރު މިކަމަށް ހަރަދުކޮށްފައި ވަނީ 25،000 ޑޮލަރު ނުވަތަ 385،500 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ އެކަޑަމީތަކުން ބައިވެރިވެ އެވެ. އުމުރުން 13 އަހަރުގެ ދަށުގެ ކުޅުންތެރިން ބައިވެރިވާ މި މުބާރާތުގައި ސްޕެއިންގެ ބާސެލޯނާ އާއި ރިއަލް މެޑްރިޑާއި އިޓަލީގެ ޔުއެންޓަސްގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ފަދަ ކްލަބުތަކުން ބައިވެރިވެ އެވެ.

މި މެޗުތައް ބާސެލޯނާ އާއި ރިއަލް މެޑްރިޑްގެ އިތުރުން ޔުއެންޓަސްގެ ޗެނަލްތަކުން ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ހަތަރު މިލިއަނާއި ހަ މިލިއަނާ ދެމެދުގެ މީހުން މެޗުތައް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލެޓިނަމް ސްޕޮންސަރަކަށް ވުމުން ރާއްޖެ އަށް ލިބޭ ފައިދާތަކުގެ ތެރޭގައި މިކަޕުގެ ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުވުމާއި އެމްއެމްޕީއާރްސީން ތައްޔާރުކޮށްފައިވާ ވިޒިޓް މޯލްޑިވްސްގެ ވީޑިއޯތައް މުބާރާތް ހިނގާ ސަރަހައްދުގައި ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މި މުބާރާތް ކުޅޭ ދެ ޕިޗުގެ ތެރެއިން އެއް ޕިޗު ވަނީ ރާއްޖެ އަށް ހުސްކޮށްފައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ޕިޗުގެ ނަމަކަށް ވެސް ކަނޑައަޅާފައި ވަނީ ވިޒިޓް މޯލްޑިވްސް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މުބާރާތުގައި ބައިވެރިވާ ސްޕެއިންގެ ސޮކާ ސްކޫލް ޓީމް ރާއްޖެއިން ސްޕޮންސާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ޓީމުގެ ޖާޒީގައި ވިސިޓް މޯލްޑިވްސް ޖަހާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ އެކަޑަމީތަކުން ބައިވެރިވާ މުބާރާތެއްގައި ރާއްޖެ މިގޮތަށް އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ.

"ރާއްޖޭގެ ނަން ދެވިފައިވާ ޕިޗުގައި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް ވެސް ކުޅެވިގެންދާނެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ދުބާއީ އަށް ކުރައްވާ މި ދަތުރުގައި ބޭރުގެ ބޮޑެތި ޓީމުތަކުގައި ރާއްޖެ ސްޕޮންސާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ކުޅުންތެރިންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިކަން ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ