މިދިޔަ އަހަރު ދެކުނު ސަރަހައްދީ އޮޑިޓް އޮފީހުން 68 އޮޑިޓެއް ނިންމި

މިދިޔަ އަހަރު 68 އޮޑިޓް ނިންމާ ކަނޑައެޅި މިންވަރުގެ 92 ޕަސެންޓް ހާސިކޮށްފައިވާ ކަމަށް ދެކުނު ސަރަހައްދީ އޮޑިޓް އޮފީހުގެ މިދިޔަ އަހަރުގެ ރިޕޯޓުން ހާވެއްޖެ އެވެ.


މި ރިޕޯޓުގައި ވާގޮތުން 74 އިދާރާއެއްގެ އޮޑިޓް ކުރުމަށް ޕްލޭންކޮށްފައިވީ ނަމަވެސް ނިމިފައިވަނީ 68 އިދާރާއެއްގެ އޮޑިޓް މަސައްކަތެވެ.

އޮޑިޓް އޮފީހުން އައްޑޫ ހިތަދޫގައި ހިންގާ މި އޮފީހުން، ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގދ، ގއ، އައްޑޫ އާއި ފުވައްމުލަކު ސިޓީގެ އިދާރާތަކުގެ އޮޑިޓް މަސައްކަތް ކުރާނެ އެވެ. މިދިޔަ އަހަރުގައި 23 ކައުންސިލަކާއި ތައުލީމީ ދާއިރާގެ 13 އޮޑިޓަކާއި ސިއްހީ ދާއިރާއިން 10 އޮޑިޓްގެ އިތުރުން ޝަރުއީ ދާއިރާގެ 9 އޮޑިޓެއްގެ އިތުރުން އެހެނިހެން ދާއިރާތަކުން 13 އޮޑިޓެއް ނިންމައިފަ އެވެ.

މިދިޔަ އަހަރު ކުރި އޮޑިޓްތަކުން 512 މިލިއަން ރުފިޔާގެ ހަރަދުތައް ބަލާފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 135 މިލިއަން ރުފިޔާ އޮޑިޓްކޮށްފައިވެ އެވެ.

އޮޑިޓްތަކުގެ ތަފްސީލުތަކުން ހާމަވާ ގޮތުން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަން އޮޑިޓް އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ. އާމްދަނީގެ ގޮތުގައި އިދާރާތަކަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ހޯދާފައި ނުވާ ކަން ފާހަގަކުރެވިފައިވާ އިރު ގަވައިދާ ހިލާފަށް ދިނުމުން އަނބުރާ ހޯދަންޖެހޭ ހަތަރު ލައްކަ ވުރެ ގިނަ ރުފިޔާ ފާހަގަކުރެވިފައިވެ އެވެ.

މީގެ އިތުރުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 16.4 މިލިއަން ރުފިޔާ ހޯދާފައި ނުވުމާއި ބަޖެޓްގެ ބާކީވި އަދަދު ނުވަތަ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ޕަބްލިކް އެކައުންޓަށް ޖަމާކުރަންޖެހޭ 19.4 މިލިއަން ރުފިޔާ ޖަމާ ނުކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މިދިޔަ އަހަރު 68 އޮޑިޓެއް ކޮށްފައިވާ އިރު 2017 ވަނަ އަހަރު އެ އޮފީހުން ކޮށްފައި ވަނީ 64 އޮޑިޓެވެ. އަދި 2016 ވަނަ އަހަރުގައި އެ އިދާރާއިން ކޮށްފައިވަނީ 48 އޮޑިޓެވެ.

ދެކުނު ސަރަހައްދީ އޮފީސް ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2015 ވަނަ އަހަރު އެވެ.