ނައިކީގެ ސްމާޓް ބޫޓް ފެޅި، ފާޑުކިޔުން އަމާޒުވެއްޖެ

ބާސްކެޓް ބޯޅަ ކުޅޭ މީހުންނަށް ހާއްސަކޮށްގެން ނައިކީން މި މަހުގެ 17 ވަނަ ދުވަހު ނެރުނު ސްމާޓް ބޫޓަށް އަރައިގެން ކުޅުނު ކުޅުންތެރިއެއްގެ ބޫޓް ފަޅައިގެން ގޮސް، އޭނާގެ ފަޔަށް އަނިޔާވި މައްސަލާގައި ނައިކީ އަށް ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.


ބުރާސްފަތި ދުވަހު އެމެރިކާގެ ޑިއުކް ބާސްކެޓްބޯލް ޓީމްގެ ކުޅުންތެރިޔާ ޒައަން ވިލިއަމްސްގެ އަރައިގެން ހުރި ނައިކީގެ "އެޑަޕްޓެޑް ބީބީ" ގެ އެއް ކިބަ މެޗްގެ ތެރޭގައި ފަޅައިގެން ގޮސް، އޭނާގެ ފަޔަށް އަނިޔާވެފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވިޓާގައި އާންމުކޮށްފައިވެ އެވެ.

މެޗް ބަލަން އިންނެވި އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާ ވެސް ވަނީ ޒަޔަން އަށް އަނިޔާވި ހާދިސާއާ ގުޅިގެން ޓްވީޓްކުރައްވައި، ޒިއޯން އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ. މެޗްގައި ޑިއުކް ވަނީ ސައުތު ކެރޮލައިނާ އަތުން ބަލި ވެސް ވެފަ އެވެ.

ޓިމްގެ ފޭނުން ތުހުމަތުކުރި ގޮތުގައި މެޗުން ބަލިވާން ޖެހުނީ ވެސް ނައިކީގެ ފެންވަރު ދަށް ބޫޓްގެ ސަބަބުން ކުރިމަތިވި ކަންތައްތަކާ ހެދި އެވެ.

ނައިކީގެ "އެޑަޕްޓެޑް ބީބީ" އަކީ އެއަށް ހާއްސަ މޮބައިލް އެޕެއް މެދުވެރިކޮށް ފަޔަށް ހެޔޮވަރުކޮށްލެވޭ ގޮތަށް އަމިއްލަ އަށް އޭގެ ނާޑުވާ ވެސް ފިޓްކޮށްލެވޭ އަދި ހާލަތާ ގުޅޭ ގޮތަށް ބޫޓުގެ ހަރަކާތްތައް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ނަމަވެސް ބޫޓަށް އަރައިގެން ކުޅެނިކޮށް، އެ ފަޅައިގެން ދިއުމުން ގިނަ ބަޔަކު ވަނީ މީގެ ފެންވަރާ މެދު ސުވާލު އުފައްދައި، ޓްވިޓާގައި ނައިކީ އަށް އެއްޗެހި ކިޔައިފަ އެވެ.

މިކަމާ ގުޅިގެން ނައިކީން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެ ކުންފުނިން އަބަދު ވެސް އުފެއްދުންތައް ނެރެނީ ބޭނުންކުރާ މީހުންގެ ރައްކާތެރި ކަމަށް ވިސްނައިގެން ކަމަށެވެ. އަދި އަލަށް ނެރުނު "ސްމާޓް ބޫޓް" އަށް ދިމާވި މައްސަލަ ބަލަން ފަށާފައިިވާ ކަމަށް ބުންޏެވެ.

"އަހަރެމެން ޒަޔަން އަށް އަވަސް ޝިފާއަކަށް ވެސް އެދެން. އަދި އަހަރެމެންގެ އުފެއްދުމަކަށް އަރައިގެން ކުޅެނިކޮށް ލިބުނު ގެއްލުމަށްޓަކައި މާފަށް އެދެން،" ނައިކީން ބުންޏެވެ.

ނައިކީ "އެޑަޕްޑެޓް ބީބީ" އަކީ 350 ޑޮލަރު (5،425ރ.) އަށް ވިއްކާ ބޫޓެކެވެ. ޗާޖް ވެސް ކުރަން ޖެހޭ މި ބޫޓާ އެކު، ޗާޖިން މެޓެއް ހިމެނެ އެވެ. އޭގެ މަތީގައި ބޫޓު ބެހެއްޓުމުން ޗާޖްކޮށްލެވޭނެ އެވެ.