އެޗްޑީސީން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ވޭތޯ ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ. އެހެންވެ އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރުމަށް ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އޭސީސީން ބުނީ ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކާ ބެހޭ މައްސަލަ ބެލުމަކީ އެ ކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ އެކޮމިޝަނުން ނުބަލާ ކަމަށް ބުންޏެވެ. ފައިސާ ނެގި މައްސަލަ ބަލަނީ ފުލުހުންނެވެ.
ސީ ލައިފްގެ މައްސަލައިގައި ފާހަގަކުރެވުނު ކަންކަމާ ގުޅޭ ރިޕޯޓު މިދިޔަ މަހު 14 ގައި ވަނީ ނެރެފަ އެވެ. އެ ރިޕޯޓު ފުލުހުންނަށް އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.
ސީލައިފުން ބުކިންފީ އާއި އެޑްވާންސްގެ ގޮތުގައި ގިނަ ބަޔެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު އެ ކުންފުނީގެ ވެރިން ވަނީ ފިލައިފަ އެވެ.
ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެވެ.
ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.