"އެވަކާޑޯ ޓޯސްޓެއް" ސިފަވާ ބޫޓެއް ހަދައިފި

ކެއުމާއި ކަސްރަތަކީ ވަކި ނުވާނެ ދެ ކަންތަކެވެ. އެހެންވެ މިއޮތީ އަނެއްކާ ވެސް ކާނާއަކުން އިންސްޕަޔާވެގެން ހަދާފައިވާ ބޫޓެކެވެ. ކަސްރަތު ކުރާ އިރު އަރަން ހާއްސަކޮށްފައިވާ މިި ޓްރޭނާ ބޫޓަކީ އެވަކާޑޯ ޓޯސްޓެއް ސިފަކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.


ކުޅިވަރަށް ހާއްސަ އުފެއްދުންތައް ނެރޭ އެމެރިކާގެ މަޝްހޫރު ބްރޭންޑް ސޯކޮނީން ތައްޔާރުކޮށްފައިވާ މި ބޫޓް ދުރުން ބަލައިލާ އިރު ހީވަނީ ހުދު ކުލައިގެ ތަށްޓެއްގެ ތެރޭގައި ބާއްވާފައި އޮތް އެވަކާޑޯ ޓޯސްޓެއްހެންނެވެ.

ފުރަތަމަ ބޫޓުގެ އެންމެ ފުލުގައިވާ ހުދު ބައެވެ. އޭގެ މަތީގައި ޓޯސްޓްކޮށްފައި އޮތް ބްރައުން ޕާންފޮއްޗެކެވެ. އޭގެ މަތީގައި ހިތްގައިމު ފެހި ކުލައިގެ އެވަކާޑޯ އެވެ. އަދި މައްޗަށް ވިއްސާލާފައިވާ ރެޑް ޕެޕާ ފްލޭކެވެ. މިއަށް ދީފައިވާ ނަމަކީ "ސޯކަމޯލް" އެވެ.

ސޯކޮނީން ބުނި ގޮތުގައި އެވަކާޑޯ ޓޯސްޓަަށް ލޯބިކުރާ ދެ ޖިންސްގެ މީހުންނަށް ވެސް މި ބޫޓް ވަނީ ހާއްސަކޮށްފަ އެވެ. އެހެންވެ ފިރިހެނުންނާއި އަންހެނުންނަށް ވެސް ހެޔޮވަރު ސައިޒުތައް ލިބޭނެ އެވެ.

ސޯކޮނީގެ ވެބް ސައިޓުން މި ވަގުތު މި ބޫޓް ވިއްކަމުން އަންނަނީ ހަމައެކަނި އެމެރިކާގަ އެވެ. އަގަކީ 130 (2،000ރ.) ޑޮލަރެވެ. "އެވަކާޑޯ ޓޯސްޓް" ބޫޓް އިންސްޓަގްރާމްގައި މިދިޔަ އަންގާރަ ދުވަހު ދައްކައިލުމާ އެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ މިއަށް ޝައުގުވެރިކަން ވެސް ފާޅު ކުރަމުންނެވެ.

ސޯކޮނީން މީގެ ކުރިން ވަނީ ބާގާ އިން އިންސްޕަޔާވެގެން ވެސް ބޫޓެއް ފަރުމާކޮށް، ބާޒާރަށް ނެރެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ފިރިހެނުންގެ ފެޝަން ލޭބަލް އެންޑްއާ ގުޅިގެން އެ ފަހަރު ތައްޔާރު ކުރި ބާގާ ރަމްޒުކޮށްދޭ ތިން ކުލައިގެ ބޫޓަކީ "ޝެޑޯ 5،000 ބާގާ" އެވެ.

އެ ކަލެކްޝަން ވިއްކާފައި ވަނީ 99 ޑޮލަރަށެވެ.