ގްލޯބަލް އިކޮނޮމިކް ފޯރަމަށް ފިނޭންސް މިނިސްޓަރު އިންޑިޔާއަށް ވަޑައިގެންފި

ގްލޯބަލް އިކޮނޮމިކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އަމީރު އިބްރާހިމް އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.


އޯލް އިންޑިޔާ އެސޯސިއޭޝަން އޮފް އިންޑަސްޓްރީޒް (އޭއައިއޭއައި) އިން އިންތިޒާމުކޮށް ބާއްވާ އަށް ވަނަ ގްލޯބަލް އިކޮނޮމިކް ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މުމްބާއީގަ އެވެ. މި ފޯރަމް ކުރިޔަށްދާނީ މާޗު 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސަމިޓުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު އަމީރު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭއާއޭއާއި އަކީ ވިޔަފާރި އާއި އިގްތިސާދު ކުރިއެރުވުގެ މަގްސަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެެވެ. މީގެ 55 އަހަރު ކުރިން އުފައްދާފައިވާ މި އެސޯސިއޭޝަންގެ މެންބަރުންގެ އަދަދު 1400 އަށް ވުރެ ގިނަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު އިންޑިޔާއަށް ވަޑައިގެންނެވި އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިޔާއަށް ވަޑައިގަންނަވާފަ އެވެ. އެ ދަތުރުފުޅުގައި އިންޑިޔާއިން ވަނީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21 ބިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފަ އެވެ.

އިންޑިޔާ އަކީ މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެވެ.