އެރިއާނާ ގްރަންޑޭއާ ގުޅުވައިގެން ސްޓާބަކްސް އިން އާ ދެ ރަހައެއް

މަޝްހޫރު މީސްމީހުންނާ ގުޅުވައިގެން މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ތަފާތު އެކި އުފެއްދުންތައް ނެރުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. މި ފަހަރު މި ލިސްޓަށް އިތުރުވީ ވިލާތަކަށް މާ ބޮޑަށް ލޯބިކުރާ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ އެވެ.


އެމެރިކާގެ ފްލޮރިޑާ އަށް އުފަން 25 އަހަރުގެ ލަވަކިޔުންތެރިޔާގެ ކެރިއާއިން އިންސްޕަޔާ ވެގެން މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް މި ވަނީ "ކްލައުޑް މެކިއާޓޯ" ގެ ނަމުގައި ހިތްގައިމު އާ ދެ ބުއިމެއް ތައާރަފުކޮށްފަ އެވެ. ސްޓާބަކްސްގެ މެނޫ އަށް އިތުރުވި މި އާ ރަހަތައް އާންމުންނަށް ދޫކޮށްލީ އެ ކުންފުންޏާއި އެރިއާނާ، ދުވަސްކޮޅެއް ވަންދެން ސޯޝަލް މީޑިއާގައި ފޭނުން ތެޅުވުމަށް ފަހު އެވެ.

ސޯޝަލް މީޑިއާގައި މާ ގަދައަށް ވިލާތައް ދައުރުވާތީ ވާން އުޅޭ ގޮތެއް ކަށަވަރު ނުވެގެން ތިއްބައި ސްޓާބަކްސް އިން ޓްވީޓެއްގައި ވަނީ އައު ރަހައިގެ ވާހަކަ ހިއްސާކޮށްފަ އެވެ. އަދި އެއާ އެކު އެރިއާނާ ވެސް ވަނީ ސްޓާބަކްސްގެ ލޯގޯ ޖެހި އޭޕްރަން އަޅައިގެން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ސްޓާބަކްސް އިން ބުނި ގޮތުގައި އައިސް "ކްލައުޑް މެކިއާޓޯ" ގެ ދެ ދަރަހެއް މިހާރު ލިބޭނެ އެވެ. އެއީ ސިނަމަން އާއި ކެރަމަލް އެވެ.

މި ރަހަތައް ތައްޔާރުކުރަން މައިގަނޑު އެއްޗަކަށް ބޭނުންކޮށްފައި ވަނީ ބިހުގެ ހުދު ބަޔާއި ހަކުރާއި ސިނަމަން (ފޮނިތޮށި) އެވެ. އަދި މީގެ ރަހަތައް ތަފާތުކުރަން ކިރާއި ބްރޫޑް އެސްޕްރެސޯ އާއި ވެނީލާ ސިރަޕް، ފްލެވާޑް ސޯސް، އެރެބިކް ގަމް، ރައީސް ޕްރޮޓީން، ލޮނު އަދި ޒެންތަމް ގަމް ބޭނުންކޮށްފައިވެ އެވެ.

ބުއިންތައް ފުރިހަމަކޮށް ދެނީ އެރިއާނާ އެންމެ ގަޔަވާ ހުދު ވިލާތަކުގެ ފުފިފައިވާ ފޯމްގަނޑަކާ އެކީގަ އެވެ.

ސްޓާބަކްސް އިން ބުނި ގޮތުގައި "ކްލައުޑް މެކިއާޓޯ" މި ވަގުތު ލިބޭނީ ހަމައެކަނި އެމެރިކާގެ ކަސްޓަމަރުންނަށެވެ.