އަންހެނުންގެ ދުވަހާ ގުޅިގެން ބީއެމްއެލުން ދެ ޖަމިއްޔާ އަކަށް ފައިސާ ހަދިޔާކޮށްފި

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ޖަމިއްޔާ އަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.


އެ ބޭންކުން މާލީ އެހީތެރިކަން ދިނީ، އަންހެނުންގެ ކުރިއެރުމާއި މަންފާ އަށް މަސައްކަތްކުރާ 'ފެމިލީ ލީގަލް ކްލިނިކް' އަދި 'ވިމެން އިން ޓެކް' އަށެވެ. އެއިން ކޮންމެ ޖަމިއްޔާ އަށް ބީއެމްއެލް އިން ވަނީ 46،000ރ. ހަދިޔާކޮށްފަ އެވެ. އެ ފައިސާ ބޭނުންކުރާނީ އެ ދެ ޖަމިއްޔާގެ ޕްރޮގްރާމުތައް ރާވައި ހިންގުމަށެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ހަފްލާއެއްގައި ފެމިލީ ލީގަލް ކްލިނިކާއި ވިމެން އިން ޓެކް އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީން އެވެ.

މި ހަފްލާގައި ބީއެމްއެލްގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުން ބައިވެރިވި އެވެ.

މިއަދުގެ ހަފުލާގައި އާއިޝަތު ނޫރައްދީން ވިދާޅުވީ މި އެހީތެރިކަމަކީ އަންހެނުން ކުރިއެރުމުވަށާއި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާ ކުރުވަނިވި ހަރަކާތްތައް ހިންގުމަށް ދިން އެހީތެރިކަމެއް ކަމަށެވެ.