މާލޭގެ މަގުތައް ސާފުކުރާ ވެމްކޯގެ އަންހެނުންގެ ވާހަކަ

މާލޭގެ މަގުމަތި ކުނިން ފުރިބާރުވެފައި ހުއްޓައި އެތަން ރީތި ކޮށްދެނީ ވެމްކޯގެ މި ހީވާގި އަންހެނުންނެވެ. އެ މަސައްކަތް، ކުނި މެނޭޖުކުރަން ސަރުކާރުން އުފެއްދި ކުންފުނިން ކުރަން ފެށުމާ އެކު، މަގުމަތި ސާފުވެގެން ދިޔައީ އެވެ. އެގޮތަށް އަހަރެމެން އަޅާ ކުނިތައް ވެމްކޯގެ މުވައްޒަފުން ނަގައި ސާފުކުރުމުގެ މަސައްކަތް ކުރާތާ ގާތްގަނޑަކަށް އަހަރެއް ވީ އެވެ. މިއީ އާދައިގެ މަސައްކަތެއް ކަމަށް ބަޔަކަށް ހީވި ނަމަވެސް އެއީ ވަރަށް ބުރަ އަދި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ ކަމެކެވެ.


އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބުނީ އެވެ. އެގޮތަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އާއިލާއާ ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ހުރަހެއް ނެތުމެވެ. ކޮންމެ ރެއަކު 11 ޖަހާއިރުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން މާލޭގެ އެކި ސަރަހައްދުތަކުގައި މަގުތައް ސާފުކުރަނީ ގާތްގަނޑަކަށް 175 އަންހެނުންނެވެ.

މާލޭ 10 ޒޯނަކަށް ބަހާލައިގެން ކުނި ކަހަމުން އަންނައިރު، އެ ޒޯނުތަކުގައި ވެސް ވަކިވަކިން ގްރޫޕަށް ބަހައިލަ އެވެ. ކޮންމެ ޒޯނަކަށް ޑިއުޓީ އޮފިސަރެއް ހުރެ އެވެ. ބޮޑު ކަމެއް ހިނގައިފި ނަމަ އެކަމެއް އެންމެ ފުރަތަމަ އަންގަންޖެހޭނީ އެ އޮފިސަރަކަށެވެ. މަސައްކަތުގައި އުޅުމުގެ ތެރޭގައި އެމީހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ފުރައްސާރައިގެ މައްސަލަތަކެވެ.

ވެމްކޯގައި މަސައްކަތް ކުރާ އަންހެނުންތަކެއް މާލޭގެ މަގުމަތި ކުނިކަހަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެތަނުން އެއް ޒޯނުގެ އޮފިސަރަކީ އައިޝަތު މޫސާ 42، އެވެ.

އޭނާ ބުނާގޮތުން މަގުމައްޗަށް ނުކުމެ ކުނި ކަހަން ފެށި ފުރަތަމަ ދުވަސްކޮޅު މީހުންގެ ފުރައްސާރަ އާއި ޖެއްސުން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. ނަމަވެސް، ކުރަމުން އަންނަ މަސައްކަތް ފެނުމާ އެކު އެމީހުންނާ ދޭތެރޭ މީހުން ކަންތައް ކުރާ ގޮތް ބަދަލުވި ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި، ކުނިކެހުމުގެ މަސައްކަތް ކުރަން ޖެހެނީ ވަރަށް ފަސޭހަ ވަގުތެއްގަ އެވެ. ވަޒީފާގެ ސަބަބުން ދަރިންނާއި ގޭތެރޭގެ މަސައްކަތްތައް އެންމެ ފުރިހަމަ އަށް ކުރުމަށް އެއްވެސް ހުރަހެއް ނޯންނަ ކަމަށް ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިގެން މަސައްކަތް މި ކުރަނީ. އާ ރައްޓެހިން ލިބިއްޖެ،" އައިޝަތު ބުންޏެވެ.

އައިޝަތު ނަޝްފާ 31، ބުނީ މަގުމަތި ސާފުކުރަން ފެށި ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނައިން ކުނި އުކާފައި ހުންނަ ކަމަށެވެ. އެކަމަކު، މިހާރު އެކަން ވެސް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.

"މީހުން މަދުވުމާއި ބައެއް މަގުތައް އަނދިރިވުމާ އެކު އުނދަގޫ. އެކަމަކު ކުރިއަށް ވުރެ ފުރައްސާރަ ކުރާވަރު ވަރަށް މަދު،" އެހެން ޒޯނެއްގެ ސުޕަވައިޒަރުކަން ކުރަމުން އަންނަ ނަޝްފާ ބުންޏެވެ.

އެތަނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ފާތިމަތު މުފީދާގެ ވާހަކަ ތަފާތެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގައި ވަޒީފާ އަދާކުރަމުން ރޭގަނޑު ގާރީ ކްލާހަކަށް އޭނާ ދެ އެވެ. ކުނި ކަހަން ނުކުންނަނީ ގާރީ ކްލާސް ނިންމުމަށް ފަހު އެވެ.

ވެމްކޯގައި މަސައްކަތް ކުރާ އަންހެނަކު މާލޭގެ މަގުމަތި ކުނިކަހަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އޭނާ ބުނިގޮތުގައި ވެމްކޯގައި މަސައްކަތް ކުރަން ފެށުމާ އެކު، އާ ރައްޓެހިންތަކެއް ވަނީ ލިބިފަ އެވެ. ދުވާލު ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ވެސް ރޭގަނޑު މަސައްކަތަށް ނުކުތުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު ކަމަށް ބުންޏެވެ.

"މެންދުރު ފަހު އޮފީހުން އައިސް ކުޑަކޮށް އަރާމު ކޮށްލާފައި ރޭގަނޑު ކްލާހަށް ގޮސްފައި އެ ކްލާސް ނިންމާފައި ކުނި ކަހަން މި ދަނީ. އެހާ އުނދަގުލެއް ނޫން. މަސައްކަތުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު،" މުފީދާ ބުންޏެވެ.

ޝިރުމީނާ އަބްދުލްހަމީދު 43، ބުނީ، މަސައްކަތުގައި އުޅޭއިރު ވަރަށް އުފާވާ މަންޒަރުތައް ފެންނަ ކަމަށެވެ. އެގޮތުން ބައެއް މީހުން ކާ އެއްޗެހި ގެންގޮސްދީ، ހާލު ބަލައި އުޅޭ ކަމަށާއި އެފަދަ ކަންތައްތަކުން އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.

އެ މަސައްކަތް ކުރަނީ ރޭގަނޑަށް ވުމުން އާއިލާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެ އެންމެން ވެސް ބުނެ އެވެ. ސާފުކުރަން އުޅޭއިރު އާއިލާގެ މެމްބަރުން ދޭތެރެއަކުން ކާ އެއްޗެހި ހިފައިގެން ދާ ކަމަށް ބުންޏެވެ. ފާތިމަތު ޝަރީފާ 38، ވެސް ބުނީ އޭނާގެ ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.

ވެމްކޯގައި މަސައްކަތް ކުރާ އަންހެނުނަކު މާލޭގެ މަގުމަތި ކުނިކަހަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"އާއިލާގެ އެހީތެރިކަން ނުލިބި މިކަމެއް ނުކުރެވޭނެ. އެންމެން ވެސް ވަރަށް ސަޕޯޓިވް،" ޝަރީފާ ބުންޏެވެ.

ވެމްކޯ އަކީ މިހާރު މި އަންހެނުންގެ ހަޔާތުގެ މުހިއްމު ބައެކެވެ. ދިރިއުޅުމަށް ބޭނުންވާ މުހިއްމު ކަންތައްތަކެއް ފާއިތުވި އެއް އަހަރުގެ ތެރޭ ދަސްވެއްޖެ އެވެ. އޭގެ ތެރޭގައި ތަފާތު މިޒާޖުގެ މީހުންނާ އެކީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ހާއްސަ ގޮތެއްގައި ފާހަގަކުރާ ކަމެކެވެ. ނަމަވެސް މަގުމަތީގައި އެމީހުންނަށް ކުރާ ފުރައްސާރަ އަދި ވެސް އެއްކޮށް ހުއްޓުމަކަށް ނާންނާތީ ކަންބޮޑުވުން ބޮޑެވެ.

މުވައްޒަފުންނަށް ފުރައްސާރަ ކުރުމަކީ ވެމްކޯ އިން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫނެވެ. އެފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.

އަންހެނުން ބާރުވެރިކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެމްކޯ އިން ހާއްސަ އިސްކަމެއްދޭ ކަމަކަށް ވާއިރު ތަފާތު ތަމްރީނުތައް ކަންތައްތަކާ ކުރިމަތިލުމަށް ދަސްކޮށްދޭން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.