އެޕަލް ކުންފުނީގެ ބޮޑު އިވެންޓެއް މި މަހު 25 ގައި

އެޕަލްގެ ކުންފުނީގެ އާ އުފެއްދުންތަކަށް ކަންތައްތަކަށް އިންތިޒާރުކުރާ މީހުންނަށް މި މަހުގެ 25 ވަނަ ދުވަހަކީ ހާއްސަ ދުވަހަކަށް ވާނެ އެވެ. ޓެކް ހަބަރުތައް ކަވަރު ކުރާ ނޫސްވެރިން ވެސް ވަނީ ޓްވިޓާގައި މާޗް 25 އެޕަލްގެ އިވެންޓެއް އޮންނާނެ ވާހަކަ ހިއްސާކޮށްފަ އެވެ.


ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "އިޓްސް ޝޯ ޓައިމް" ގެ ނަމުގައި ބާއްވާ އިވެންޓްގެ ތެރެއިން ފެންނާނެ އެންމެ ހާއްސަ އެއް ކަމަކީ އެޕަލްގެ ސްޓްރީމިން ސާވިސް އައިޓީވީ ރިބްރޭންޑްކޮށް އަލުން ލޯންޗް ކުރުމެވެ.

މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސްޓްރީމިން ޓީވީގެ ހިދުމަތަކީ އެތައް މިލިއަން ބަޔަކު އެކި ޕްލެޓްފޯމްތަކުން ހޯދާ ހިދުމަތެކެވެ. މި ހިދުމަތުގެ އެންމެ ވާދަވެރި ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެޕަލްގެ ސްޓްރީމުންގެ ހިދުމަތް އަލުން ލޯންޗް ކުރާނީ އެޕަލް ޓީވީގެ ނަމުގަ އެވެ.

މީގެ އިތުރުން ނޫހާއި މަޖައްލާތަކަށް ފީއެއް ދައްކައިގެން ކިޔޭނެ ފަސޭހަ އަދި ހަރަދު ކުޑަ ސަބްސްކްރިޕްޝަން ހިދުމަތެއް ވެސް މި ފަހަރުގެ އިވެންޓްގެ ތެރޭގައި ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން އެޕަލްގެ އެއާޕޮޑްސް އާއި އައިޕެޑަށް ގެންނަ އަޕްޑޭޓްސްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް އިވެންޓްގެ ތެރޭގައި ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ.