ބޯއިން 737 ގެ ބޯޓުތައް ސިންގަޕޫރުން މަނާކޮށްފި

ސިންގަޕޫރު (މާޗް 12) - ބޯއިން 737 މެކްސް8 ގެ ހުރިހާ ބޯޓެއްގެ ދަތުރުތައް ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސް) އިން މަނާކޮށްފި އެވެ.


ސިންގަޕޫރުން މި ގޮތަށް ނިންމީ އިތިއޯޕިއަން އެއާލައިންސްގެ ބޯއިން މެކްސް 8 ގެ ބޯޓެއް ވެއްޓި 157 މީހުން މަރުވި ހާދިސާ އަށް ފަހު އެވެ. މިއީ މި މޮޑެލްގެ ބޯޓެއް ފަސް މަސް ތެރޭ ވެއްޓުނު ދެ ވަނަ ފަހަރެވެ.

ސިންގަޕޫރުގެ ޗަންގީ އަކީ ދުނިޔޭގައި ހަ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓެވެ. އެއީ އޭޝިއާ އާއި ޔޫރަޕް އަދި އެމެރިކާ ގުޅުވައިލަދޭ މައި ހަބެވެ. ނަމަވެސް ސިންގަޕޫރަށް އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތެރޭން މެކްސް މަރުކާގެ ބޯޓުތައް ބޭނުން ކުރަނީ ވަރަށް މަދުންނެވެ. ސިންގަޕޫރަކީ މެކްސް 8 މޮޑެލްގެ ބޯޓުތައް މަނާކުރި ފުރަތަމަ ގައުމެވެ.

ސިންގަޕޫރުގެ އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ގައުމުގައި އޮޕަރޭޓު ކުރާ ސިލްކް އެއާގައި މެކްސް 8 ގެ އަށް ބޯޓު އޮންނަ ކަމަށެވެ. މީގެ އިތުރުން ސިންގަޕޫރަށް އޮޕަރޭޓް ކުރާ ޗައިނާ ސަދަން އެއާލައިންސް، އިންޑޮނީޝިއާގެ ގަރޫޑާ، ސިންގަޕޫރު އެއާލައިންސް އަދި ތައި ލަޔަން އެއާ އިން ވެސް މެކްސް 8 ގެ ބޯޓު ފަހަރު ބޭނުން ކުރެ އެވެ.

ޖަކާޓާ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބަޓިކް އެއާ، ލަޔަން އެއާ އަދި ގަރޫޑާގެ ހަތަރު ފްލައިޓް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ. އަދި ނިއު ދިއްލީ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ އެއާ އިންޑިއާގެ ފްލައިޓެއް ވެސް ވަނީ ކެންސަލްވެފަ އެވެ.

ބޯއިން 737 މެކްސް އަކީ އެ ކުންފުނީގެ ފަހުގެ އުފެއްދުމެކެވެ. ބޯއިން 737 ގައި މެކްސް 7، 8، 9 އަދި 10 ވެސް ހިމެނެ އެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ބޯއިން އިން ވަނީ މެކްސް 8 މޮޑެލްގެ 350 ބޯޓު އެއާލައިންތަކަށް ފޯރުކޮށްދީފަ އެވެ. މި މޮޑެލް އަށް 5،011 އޯޑަރު ބޯއިން އަށް ލިބިފައިވެ އެވެ.

އިތިއޯޕިއަން އެއާލައިންސް ފުޅާ ކުރުމަށް ވަނީ މެކްސް 8 ގެ 30 ބޯޓަށް އޯޑަރު ދީފަ އެވެ. އާދިއްތަ ދުވަހު ވެއްޓުނީ މީގެ ތެރޭން ބޯޓެކެވެ. ބޯޓުގެ އެންމެ ފަހުގެ މެއިންޓެނެންސް ޗެކްކޮށްފައި ވަނީ ފެބްރުއަރީ 4 ގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެއްޓިފައި ވަނީ ވެސް އިންޑޮނީޝިއާގެ ލަޔަން އެއާ އިން ބޭނުން ކުރި މެކްސް 8 ގެ ބޯޓެކެވެ. އެ ހާދިސާގެ ތަހުގީގަށް ފަހު އިންވެސްޓިގޭޓަރުން ބުނެފައި ވަނީ މެކްސް 8 ގެ އޮޓޮމޭޓެޑް ސިސްޓަމް ބޭނުން ކުރުމުގައި ޕައިލެޓުންނަށް އުނދަގޫވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.