ބޯއިން 737 މެކްސް 8 ގެ ހުރިހާ ބޯޓެއް އުދުހުން މަނާކޮށްފި

ވޮޝިންޓަން (މާޗް 14) - ދުނިޔޭގެ ހުރިހާ ގައުމެއްގައި ބޭނުން ކުރާ 737 މެކްސް މޮޑެލްގެ ހުރިހާ ބޯޓެއްގެ ދަތުރުތައް ބޯއިން ކުންފުނިން ހުއްޓުވައިފި އެވެ.


އެމެރިކާގެ މަތިންދާ ބޯޓު އުފައްދާ ކުންފުނިން ބުނެފައި ވަނީ މެކްސް 8 ފްލީޓުގައި ހިމެނޭ 371 ބޯޓު މިހާރު ގްރައުންޑް ކޮށްފައިވާ ކަމަށެވެ. ބޯއިން އިން މި ފިޔަވަޅު އެޅީ އާދިއްތަ ދުވަހު އިތިއޯޕިއަން އެއާލައިންސްގެ މެކްސް 8 ގެ ބޯޓު ވެއްޓުނު ތަނުން އާ ހެކި ތަކެއް ފެނުމާ ގުޅިގެންނެވެ. ވެއްޓުނު ބޯޓުގެ ކަޅު ފޮށި މިހާރު ވަނީ ހޯދައިފަ އެވެ. އެ ހާދިސާގައި 157 މީހުން މަރުވި އެވެ.

މިއީ ފަސް މަސްތެރޭ ވެއްޓުނު މެކްސް 8 ގެ ދެ ވަނަ ބޯޓެވެ. މިދިޔަ އޮކްޓޯބަރު މަހު އިންޑޮނީޝިއާގެ ލަޔަން އެއާގެ މެކްސް 8 ގެ ބޯޓެއް ވެއްޓި 189 މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކަން އެއާލައިންސްގެ 737 މެކްސް މޮޑެލްގެ ބޯޓެއް ނިއު ޔޯކުގެ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވެސް ބުނީ މެކްސް 8 މަނާކުރީ އާ ހެކިތަކާ އަދި ސެޓެލައިޓް ޑޭޓާގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ. އިތިއޯޕިއަން އެއާލައިންސް ވެއްޓުނު ތަނުގައި އެފްއޭއޭގެ ޓީމަކުން ދަނީ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެފްއޭއޭގެ އެކްޓިން އެޑްމިނިސްޓްރޭޓާ ޑޭން އެލްވެލް ވިދާޅުވީ އިތިއޯޕިއަން އެއާލައިންސްގެ ޓްރެކް ނުވަތަ ފްލައިޓް ޕާތު ލަޔަން އެއާގެ ބޯޓާ ވަރަށް އެއްގޮތް ކަމަށެވެ.

މެކްސް 8 ގެ ބޯޓުތައް އުދުހުން ބޯއިން އިން މަނާކުރުމުގެ ކުރިން ބައެއް ގައުމުތަކުން ވެސް ވަނީ އެ މޮޑެލްގެ ބޯޓުތައް ގްރައުންޑް ކޮށްފަ އެވެ.

ސައުތުވެސްޓް އެއާލައިންސްގެ 737-7އެޗް4 މޮޑެލްގެ ބޯޓުތައް ނިއު ޔޯކުގެ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

ބޯއިން 737 މެކްސް 8 ގެ ބޯޓުތައް ނައްޓާލާ ވަގުތު ކޮންޓްރޯލް ކުރަން އުނދަގޫވާކަމުގެ ޝަކުވާ ޕައިލެޓުން މިިދޔަ އަހަރު ފަހުކޮޅުން ފެށިގެން ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މެކްސް 8 ގެ ބޯޓުތައް އެއާލައިންތަކުން ބޭނުން ކުރާ އަދަދު

ސައުތުވެސްޓް އެއާލައިންސް (އެމެރިކާ) 34 ބޯޓު

އެއާ ކެނެޑާ 24 ބޯޓު

އެމެރިކަން އެއާލައިންސް 24 ބޯޓު

ޗައިނާ ސަދަން 24 ބޯޓު

ނޯވޭޖިއަން އެއާާ 18 ބޯޓު

އެއާ ޗައިނާ 15 ބޯޓު

ޓީޔޫއައި ގްރޫޕް (ޔޫރަޕް) 15 ބޯޓު

ސްޕައިސްޖެޓް (އިންޑިއާ) 13 ބޯޓު

ވެސްޓްޖެޓް (ކެނެޑާ) 13 ބޯޓު

ފްލައިދުބާއީ 11 ބޯޓު

ހައިނަން އެއާލައިންސް (ޗައިނާ) 11 ބޯޓު

ޓާކިޝް އެއާލައިންސް 11 ބޯޓު

ލަޔަން އެއާ (އިންޑޮނީޝިއާ) 10 ބޯޓު

ޖީއޯއެލް ލިންހާސް އެއަރިއާސް (ބްރެޒިލް) 7 ބޯޓު

ޝަންޑޮންގް އެއާލައިންސް (ޗައިނާ) 7 ބޯޓު

ޝްމާޓްވިންގްސް (ޗެކް ރިޕަބްލިކް) 7 ބޯޓު

އެއަރޯމެކްސިކޯ 6 ބޯޓު

ސިލްކްއެއާ (ސިންގަޕޫރު) 6 ބޯޓު

ޖެޓް އެއާވޭސް (އިންޑިއާ) 5 ބޯޓު

އެއާރޯލިނިއަސް އެޖެންޓިނަސް 5 ބޯޓު

އައިސްލޭންޑްއެއާ 5 ބޯޓު

އެލްއޯޓީ އެއާލައިންސް (ޕޮލެންޑް) 5 ބޯޓު

އޮމާން އެއާ 5 ބޯޓު

ޝެންޒެން އެއާލައިންސް (ޗައިނާ) 5 ބޯޓު

އިތިއޯޕިއަން އެއާލައިންސް 4 ބޯޓު

ސަންވިންގް އެއާލައިންސް (ކެނެޑާ) 4 ބޯޓު

އެއާ އިޓަލީ 3 ބޯޓު

ޗައިނާ އީސްޓަން 3 ބޯޓު

މެކްސް 8 މޮޑެލްގެ ބޯޓު

ބޯއިން 737 މެކްސް އަކީ އެ ކުންފުނީގެ ފަހުގެ އުފެއްދުމެކެވެ. ބޯއިން 737 ގައި މެކްސް 7، 8، 9 އަދި 10 ވެސް ހިމެނެ އެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ބޯއިން އިން ވަނީ މެކްސް 8 މޮޑެލްގެ 371 ބޯޓު އެއާލައިންތަކަށް ފޯރުކޮށްދީފަ އެވެ. މި މޮޑެލް އަށް 5،011 އޯޑަރު ބޯއިން އަށް ލިބިފައިވެ އެވެ. މިއިން ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 120 މިލިއަން ޑޮލަރެވެ.

ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓަށްވީ ތިން މަސް ދުވަހެވެ. އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ބޭނުން ކުރަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.