ސީއޮކްމާގެ ކޮމިޓީ ބައްދަލުވުން ރާއްޖޭގައި

ދިރާގުން އިންތިޒާމުކުރި ސައުތު އީސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެއިންޓެނެންސް އެގްރީމެންޓް (ސީއޮކްމާ)ގެ ކޮމިޓީ ބައްދަލުވުން ބަޑޮސް އައިލެންޑް ރިސޯޓުގައި ބާއްވައިފި އެވެ.


ސީއޮކްމާ އަކީ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އޮޕަރޭޓް ކުރުމުގައި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް އިދާރާ އެވެ. ސީއޮކްމާ އިން އަންނަނީ ޖިބޫޓީގެ ހުޅަނގުން، ޕާތުގެ ދެކުނުންނާއި ގުއާމްގެ އިރުން އަދި ޓައިވާނުގެ އުތުރު ސަރަހައްދުގެ ސަބްމެރިން ކޭބަލްތަކުގެ މެއިންޓެނެންސް މަސައްކަތްތައް ކުރަމުންނެވެ.

ސީއޮކްމާ އެގްރީމެންޓްގެ ދަށުން ސަބްމެރިން ކޭބަލްތަކުގެ މަރާމާތާއި މުއާސަމާތީ ހިދުމަތްތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ކޭބަލްތަކަށް ދިމާވާ ގެއްލުންތައް ބަލައި ހައްލުކޮށްދޭނެ އެވެ. ސަބްމެރިކް ކޭބަލްތަކަށް ބޯޓުފަހަރުގެ ނަގިލިންނާއި މަސް ބޭނުމަށް ބޭނުން ކުރާ އާލާތްތަކުންނާއި ބިން ހެލުމުގެ ހާދިސާތަކުގެ އިތުރުން ސުނާމީ ކާރިސާތަކުގެ ސަބަބުން ވެސް ގެއްލުން ލިބެ އެވެ.

ސީއޮކްމާ ކޮމިޓީ ބައްދަލުވުން، މާޗު 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު

ސިންގަޕޫރާއި ފިލިޕީންސްގެ އިތުރުން އިންޑިއާގައި ސީއޮކްމާގެ ބޯޓުފަހަރު އަޅާފައި އޮންނަ އިރު މުއާސަލާތީ ހިދުމަތަކަށް ބުރޫ އަރާ ދަނޑިވަޅެއްގައި 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދެ އެވެ.

ދިރާގަކީ ރާއްޖޭގައި ސީއޮކްމާއާ އެކު ގުޅުން ބަދަހިކޮށްފައިވާ ހަމައެކަނި ކުންފުންޏެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން ދިރާގަކީ ސީއޮކްމާގެ މެންބަރެކެވެ.

ސީއޮކްމާގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ބޭއްވި ވެސް މިއީ ފުރަތަމަ ފަހަރެވެ. މި ކޮމިޓީ ބައްދަލުވުމުގައި 144 ރެޕްރެޒެންޓޭޓުން ބައިވެރިވެ އެވެ. މިއަދު ފެށި މި ބައްދަލުވުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.