ފައިސާއާ ބެހޭ ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއް

ފައިސާއާ މެދު ކުޑަކުދިން ދެކޭ ގޮތް އަންގައިދޭ ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއް "ގްލޯބަލް މަނީ ވީކް" އާ ގުޅުވައިގެން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ.


އެމްއެމްއޭއިން ބުނީ މިއީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކުރާ ވީޑިއޯ ސްކިޓް މުބާރާތުގެ ބޭނުމަކީ ފައިސާ އާއި މާލީ ކަންކަމާ ގުޅޭ ގޮތުން ކުޑަކުދިން ވިސްނައި ފިކުރުހިންގުމަށް މަގުފަހިކުރުމެވެ. އަދި މި ފަދަ މައުލޫތަކަށް ބެލެނިވެރިންނާއި ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކުރުމެވެ.

ވީޑިއޯ ސްކިޓް ހެދުމަށް ދީފައިިވާ މައުލޫމާތަކަކީ "ފައިސާ ބޭނުންވަނީ ކީއްވެ؟" ނުވަތަ "ފައިސާ ރައްކާކުރަނީ ކިހިނެއް؟" އެވެ. މި ދެ ސުވާލުގެ ތެރެއިން ކޮންމެވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ހެދުމަށް ފަހު 9494999 އަށް ޓެލެގްރާމް މެދުވެރިކޮށް ފޮނުވައިގެން މުބާރާތުގައި ވާދަކުރެވޭނެ އެވެ.

އެމްއެމްއޭޭ އިން ބުނީ ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު އެނގެން އޮންނަން ޖެހޭނެ ކަމަށާއި މި މަހުގެ 24ގެ ކުރިން ވީޑިއޯތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފޮނުވާ ވީޑިއޯތައް "ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް" ފޭސްބުކް ޕޭޖްގައި އާންމުކުރާނެ އެވެ. އަދި ފޮނުވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގައެވެ.