ދިރާގުން "ސްޓާޓްއަޕް ގްރައިންޑް"ގެ ދެވަނަ އެޑިޝަން ބާއްވައިފި

އަލަށް ވިޔަފާރިއަށް ނުކުންނަ ޒުވާން ވިޔަފާރިވެރިންނަށް ކާމިޔާބު ވިޔަފާރިތަކުގެ ވާހަކަ ގެނެސްދީ ވިޔަފާރިތައް ގުޅުވާލަދިނުމަށް އެހީވުމަށް ދިރާގާއި ސްޕާކްހަބުން ބާއްވާ "ސްޓާޓްއަޕް ގްރައިންޑް އެކްސް" ބާއްވައިފި އެވެ.


މި ހަރަކާތުގެ ދެވަނަ އެޑިޝަން މިފަހަރު ބޭއްވި އިރު މެލޭޝިއާގެ "މައިބަމްޕް" ކުންފުނީގެ ފައުންޑާ ދާނިޝް އާތިފު ބައިވެރިވި އެވެ. އެ ކުންފުންޏަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް މާކެޓިން ހަރަކާތްތައް ކުރިއަށްގެންދާ ކުންފުންޏެކެވެ.

ދާނިޝްގެ ވާހަކައިގައި ވަނީ ކުންފުންޏެއް ހިންގުމުގައި، ބޭނުންވާ އަމާޒަށް ސަމާލުކަން ދީގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކޮންމެ މީހަކަށް ވެސް މޮޅު ހިޔާލެއް ގެނެވިދާނެ ކަމަށާއި ނަމަވެސް ކާމިޔާބުވުމަށްޓަކައި ހަމައެކަނި މޮޅު ހިޔާލަކުން ނުފުދޭނެ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް އެ ހިދުމަތްތައް ބޭނުންވާ ގޮތަށް ފޯރުކޮށްދިނުމާއި ކުންފުނި ހިންގާ އުސޫލުތަކަކީ އެންމެ މުހިއްމު ކަންތައް ކަމަށް ބުންޏެވެ.

މައިބަންޕުން ވަނީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާ އެކު މަސައްކަތްކޮށްފަ އެވެ. އެގޮތުން ޕިކްސާ އާއި ވޯލްޑް ވައިލްޑްލައިފް ފަންޑާއި ޓެސްކޯ އާއި މަޓާޓޯއާ އެކު ވެސް މަސައްކަތްކޮށްފައިވެ އެވެ.

ސްޓާޓްއަޕް ގްރައިންޑް ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ދިރާގުން އަންނަނީ ޓެކްނޮލޮޖީގެ ދާއިރާއިން އާ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ތެރެއިން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.