ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 79 މިލިއަން ރުފިޔާ ލިބުނު

މިދިޔަ ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީ އާންމުކުރާ ގްރީން ޓެކުހާ ބެހޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން 72 މިލިއަން ރުފިޔާ ލިބުނެވެ. ގެސްޓްހައުސްތަކުން 2.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު ހޮޓާތަކުން 1.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފެބްރުއަރީ މަހު ވެސް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅަކީ އެންމެ ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭ އަތޮޅެވެ. ފެމާލެ އަތޮޅުން 27.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން ރިސޯޓުތަކުން 26.9 މިލިއަން ރުފިޔާ، ގެސްޓްހައުސްތަކުން 800،000 ރުފިޔާ އަދި ހޮޓާތަކުން 160،020 ރުފިޔާ ލިބުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ. އޭގެ ކުރީ މަހު މާލެ އަތޮޅުން ލިބުނު ގްރީން ޓެކްސްގެ އަދަދަކީ 28.3 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 9.8 މިލިއަން ރުފިޔާއާ އެކު އދ. އަތޮޅުންނެވެ. ބ. އަތޮޅުން 6.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު އއ. އަތޮޅުން 6.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޅ. އަތޮޅުން 5.3 މިލިއަން ރުފިޔާ އާއި ދ. އަތޮޅުން 3.8 މިލިއަން ރުފިޔާ އާއި ރ. އާއި ނ. އަތޮޅުން 3.7 މިލިއަން ރުފިޔާ އާއި ވ. އަތޮޅުން 1.5 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބުނެވެ.

ގއ. އަތޮޅާއި 1.3 މިލިއަން ރުފިޔާ އާއި ހއ. އަތޮޅުން 1.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު މާލެ އިން ވެސް ގްރީން ޓެކުހުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި މުއްދަތުގައި އައްޑޫން ލިބުނީ 1 މިލިއަން ރުފިޔާ އެވެ.

އަތޮޅުތަކުގެ އިތުރުން ސަފާރީތަކާއި ލިވާބޯޑުތަކުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 2.9 މިލިއަން ރުފިޔާ ލިބިފަ އެވެ.

މި އަހަރުގެ ނިޔަލަށް 892.7 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިދިޔަ ހަފުތާއާ ހަމަޔަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 231 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގްރީން ޓެކްސް ނަގަން ފެށުނީ 2015 އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކުން ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.