އާ ސަރުކާރުން 10 ރިސޯޓާއި 40 ގެސްޓްހައުސް އަށް ހުއްދަދީފި

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 10 ރިސޯޓާއި 40 ގެސްޓްހައުސް އަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އަލަށް ހުއްދަ ދިން ރިސޯޓުތަކާ އެކު މިހާރު 141 ރިސޯޓު ރާއްޖޭގައި އޮޕަރޭޓު ކުރާ ކަމަށެވެ. މިދިޔަ މުއްދަތުގެ ތެރޭގައި 1،400 އެނދު ރިސޯޓުތަކަށް އިތުރުވެފައިވެ އެވެ. އަދި ރިސޯޓްތަކުގެ އެނދުގެ އަދަދު 31،072 އަށް ވަނީ އަރައިފަ އެވެ.

"ގެސްޓް ހައުސްތަކަށް ބަލާ އިރު 40 ގެސްޓްހައުސްއަކަށް ހުއްދަ ވަނީ ދީފައި. އެއާ އެކު 545 ގެސްޓް ހައުސް ރާއްޖޭގައި މިހާރު އަންނަނީ އޮޕަރޭޓު ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރު އައި ފަހުން 666 އެނދު ގެސްޓް ހައުސްތަކަށް އިތުރު ކުރެވިފައިވާ ކަމަށެވެ މިއާ އެކު ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު 8،944 އަށް ވަނީ އަރައިފަ އެވެ.

އިތުރު 11 ހޮޓަލާއި 12 ޑައިވް ސެންޓަރު ވެސް އާ ސަރުކާރު އައި ފަހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ޓްރެވެލް އޭޖެންސީތަކަށް ބަލާއިރު އިތުރު 22 ޓްރެވެލް އޭޖެންސީއާ އެކު 335 ޓްރެވެލް އޭޖެންސީ މިހާރު އަންނަނީ ހިންގަމުންނެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާ އަށް އަންނަމުންދާ ތަރައްގީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ އަމާޒަށް ރާއްޖޭގެ ޓޫރިޒަމް ގެންދެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރަމުންނެވެ. އެގޮތުން ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ތަނެއް އިންސްޕެކްޓްކޮށް ނިމޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.