އަންނަ ހޯމަ ދުވަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ނަގާކަށް ނުޖެހޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓާއި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.


އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިމްޕޯޓް އެކްސްޕޯޓް ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމަށް ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށެވެ.

މި ގަވައިދުގެ ދަށުން ރާއްޖޭގައި އުފައްދާ އަދި އުފެދޭ ތަކެތި އެކްސްޕޯޓް ކުރެވޭނީ ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަސްޓަމްސް ސާވިސްގައި ރަޖިސްޓްރީ ކުރުމަށްފަހު އެވެ. މިހެން އޮތް ނަމަވެސް ރާއްޖެއިން ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި އަމިއްލަ ބޭނުންތަކަށް ބޭނުން ކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ 100ރ. އަކަށް 10 ލާރީގެ މަގުން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ކަސްޓަމްސް އަށް ދައްކަންޖެހޭނެ އެވެ. އަލަށް ގެނައި ބަދަލާ އެކު މި ފައިސާ ދައްކަންޖެހޭނީ މުދާ ޑިކްލެރޭޝަން ޕްރޮސެސްގެ ތެރެއިންނެވެ. ގަވައިދަށް އިސްލާހު ގެނައުމުގެ ކުރިން ރެވެނިއު ސްޓޭމްޕަށް ވާ ފައިސާ މުދާ ގެނައުމުގެ ކުރިން ދައްކަންޖެހެ އެވެ.

މި ބަދަލު ގެނައި ނަމަވެސް ގާނޫނެއްގައި ނުވަތަ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއްގައި ވަކި ބާވަތެއްގެ މުދަލެއް ރާއްޖެ އަށް ގެންނަ ނަމަ ނުވަތަ ބޭރު ކުރާ ނަމަ ހާއްސަ ހުއްދައެއް ނެގުމަށް އޮތް ނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަންޖެހޭނެ ކަމަށް އިސްލާހު ކުރެވުނު ގަވައިދުގައި ބުނެފައިވެ އެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މަޝްރޫއުތަކަށް ގެންނަ މުދަލާއި ރަލާއި އޫރުމަސް ފަދަ ކޮންޓްރޯލް ކުރެވިފައިވާ އައިޓަމްތައް އިމްޕޯޓު ކުރުމަށްޓަކައި ކަސްޓަމްސް އާއި އިކޮނޮމިކް މިނިސްޓްރީއާ ދެ އިދާރާގައި ވެސް ރަޖިސްޓާ ކުރަންޖެހޭނެ އެވެ.