ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލް އާއި ސްވިމިން އެސޯސިއޭޝަނުން ފަތަން ދަސްކޮށްދެނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްވިމިން އެސޯސިއޭޝަނުން މިއަދު އިފުތިތާހު ކޮށްފި އެވެ.


'ފެތުން ތަރިން' ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން އަލަށް ފަތަން ދަސްކުރަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާންމުކޮށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ އިރު ފޯމު ހުށަހަޅަން ޖެހެނީ ސްވިމިން އެސޯސިއޭޝަނަށެވެ.

ބީއެމްއެލުން ބުނީ މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި އެ މީހުންނަށް ވެސް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަތަން ދަސްކޮށްދިނުމަށް ބީއެމްއެލް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމަށް ވިލިމާލޭގައި މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހަކާ އެކު ބީއެމްއެލްގެ މުވައްޒަފަކު ވަގުތު ހޭދަކުރަނީ---ފޮޓޯ: ބީއެމްއެލް

"އަޅުގަނޑުމެން ވަށައިގެން ވަނީ ކަނޑު ކަމަށްވާ އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ރަނގަޅަށް ފަތަން އެނގުމަކީ މުހިއްމު ކަމެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި މި ޕްރޮގްރާމް ވެގެންދާނީ ވަރަށް މުހިއްމު ޕްރޮގްރާމަކަށް،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ހަރަކާތުގައި، ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު، ނުކުޅެދުންތެރިކަން ހުންނަ މީހަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ބީއެމްއެލް

ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން އެ މީހުން ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލުން އަންނަނީ އެކި ޖަމިއްޔާތަކާ ގުޅިގެން ވެސް ހާއްސަ ޕްރޮގްރާމުތައް ހިންގަމުންނެވެ..