މޯލްޑިވިއަންގެ ޓިކެޓް ރީފަންޑް އެއް ދުވަސް ތެރޭ ލިބޭ ގޮތް ހަދަނީ

މޯލްޑިވިއަންގެ ދަތުރުތަކަށް ޓިކެޓް ނެގުމަށް ފަހު ރީފަންޑުކުރާ ނަމަ އެއް ދުވަސް ތެރޭ ރީފަންޑު ލިބޭނެ އިންތިޒާމް މި މަހު ހަމަޖެހޭނެ ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.


ރިޒްވީ ވިދާޅުވީ، ރީފަންޑު ލިބުން ލަސްވާތީ ވަރަށް ގިނަ ބަޔަކު ޝަކުވާކުރާ ކަމަށެވެ. އެހެންވެ މި މަހުގެ 21 އިން ފެށިގެން، އެ ދުވަހުން ދުވަހަށް ރީފަންޑް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ރީފަންޑު ހޯދުމަށް 15 ވަރަކަށް ދުވަސް ހޭދަވެ އެވެ.

"ރީފަންޑު އަޅުގަނޑުމެންގެ އޮފީހުން އެ ދުވަހުން ދުވަހަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރިވިްޒީ ވިދާޅުވީ، ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން މިމަހުގެ 21 އިން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:00 އަށް އިތުރުކުރާނެ ކަމަށެވެ. ކޯލްސެންޓަރުގެ ހިދުމަތް ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ލިބޭނެ ލިބޭނެ އެވެ.