"މަހަށް ދޭ!" އެމްޑީ ބުނީ ސަމާސާއަކަށް، އެކަމަކު އެންމެން މަހަށް!

މިއީ އާންމުކޮށް ވެދާނެ ކަންކަމެއް ނޫނެވެ؛ އެކަމަކު އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ މުވައްޒަފުން، އެ މީހުންގެ މެނޭޖިން ޑިރެކްޓަރު ސަމާސާއަކަށް ވިދާޅުވި އެއްޗެއް، ބޮޑު ޕްރޮމޯޝަނެއްގެ ގޮތުގައި ބޭނުންހިފައިފި އެވެ.


އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ މުވައްޒަފަކާ ދިމާއަށް އެތަނުގެ އެމްޑީ ފަޒްލާ ހަސަން، ސަމާސާއަކަށް ވިދާޅުވީ، "މަހަށް ދާށޭ" އެވެ. ދެން ފެނުނީ އެތަނުގެ އިތުރު މުވައްޒަފުންތަކެއް ވެސް ހިމެނިގެން އިއްޔެ މަހަށް ދިޔަ ތަނެވެ. އަދި މިހާރު އެ މީހުން އަންނަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޕްރޮމޯޝަނެއްގެ ގޮތުގައި ވެސް މަސް ދަތުރު ބޭނުންކުރަމުންނެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފޭސްބުކް ޕޭޖަށް ލައިކެއް ދީގެން އިތުރު ތިން މީހުންނާ އެކު ހިލޭ މަސް ދަތުރެއް ލިބިދާނެ ކަމަށެވެ.

މި ފުރުސަތު ހޯދަން ހަދަން ޖެހޭ ގޮތަކީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމަށް ފަހު ތިން ރަށްޓެހިން ޓެގްކޮށް، އެ ޝެއާ ކޮށްލުމެވެ. ލައިކްކުރާ އެންމެންގެ މެދުގައި ގުރުއަތުން ނަގައިގެން ހޮވޭ މީހަކަށް، އެ ކުންފުނިން ފުރުސަތު ދެނީ، އޭނާ އާއި އޭނާ ޓެގްކުރި ތިން މީހަކަށް، އޭޑީކޭގެ މުވައްޒަފުންނާ އެކު މަސް ދަތުރެއް ދާށެވެ.

މި ހާއްސަ މަސް ދަތުރުތަކަށް އެތަނުގެ މުވައްޒަފަކު މިހާރު ވަނީ ހާއްސަ ލޯގޯއެއް ވެސް ހަދައިފަ އެވެ.

އެޑީކޭ ޖެނެރަލް ޓްރޭޑިންގެ ފޭސްބުކް ޕޭޖްގައި މަސް ދަތުރުގެ ފުރުސަތު ހުޅުވާލީ، ސަމާސާއެއްގެ ގޮތުގައި، އިންޒާރުގެ ނޯޓިސްއެއް ވެސް ލިއެފަ އެވެ. އޭގައި ބުނަނީ "މަަސައްކަތުގެ މާހައުލުގައި މި ކަހަލަ ކަމެއް ނުކުރާށެވެ. ނޫނީ އޭގެ ސަބަބުން ވަޒީފާއިން ކަނޑާލައި ނުވަތަ މުޅި ޓީމު އެކަމެއް ކުރާ ހިތްވެދާނެ އެވެ،" މިހެންނެވެ.

އެގޮތަށް ލިއެފައި ވަނީ އެ މުވައްޒަފުން މަހަށް ދާން ޝައުގުވެރިވީ އެންމެ މުވައްޒަފަކާ ދިމާއަށް މަހަށް ދާށޭ ބުނުމުން ކަމަށް ވުމެވެ. އަދި އެމްޑީ "އެންގެވި" ގޮތަށް، އެ މީހުން އެކަން ކުރުމުން، އަދަބެއް ލިބުމުގެ ބަދަލުގައި އެކަން ކުންފުނީގެ ޕްރޮމޯޝަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބުމުންނެވެ.

"ކޮންމެ ގޮތެއް ވިޔަސް އެކަން އަހަރެމެން ނެގީ އާދައިގެ މަތިން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގަ އެވެ. އަދި އެންމެން މި ތިބީ މަސްވެރިކަމަށް ނުކުމެ އެވެ،" މަސްދޯނީގައި ނަގާފައި ހުރި ފޮޓޯއަކާ އެކު ކުރި ޕޯސްޓްގައި ލިއެފައިވެ އެވެ.