ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު" ން ފަސް ރަށަކަށް އެހީވާން ނިންމައިފި އެވެ.


ބީއެމްއެލް އިން މިއަދު ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ރަށްރަށުގެ ތެރެއިން ފަސް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ.

ހޮވުނު ޕްރޮޕޯސަލްތައް:

- ހާމިދު ރަޝީދު: ހދ.ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުން.

- ނައިފަރު ޖުވެނައިލް: ޅ. ނައިފަރު ބަނދަރު ސަރަހައްދު ގައި އާންމުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން.

- އިބްރާހިމް ފަރުޝާން: އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުން.

- ޓީއެފްއެމް ސްޕޯޓްސް ކްލަބް: މ. ދިއްގަރު ސްކޫލު ސަރަހައްދު ގައި ބެލެނިވެރިންނާއި ސްކޫލު ކުދިން ހިޔަލުގައި މަޑުކޮށްލެވޭނެ ސަރަހައްދެއް ގާއިމް ކުރުން.

- ނާޝިދު އާދަމް ނަސީރު: ދ. މާއެނބޫދޫ ސްކޫލު ގައި ލައިބްރަރީއެއް ހަދައިދިނުން.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައަޅައި އެކަން އިއުލާން ކުރުމަށް ދަނގެތީގައި މިއަދު ބޭއްވި ހަފްލާގައި، އެ ފަންޑު މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކުރާ ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހުށަހެޅި އިބްރާހިމް ފަރުޝާނަށް ވަނީ ރަމްޒީ ގޮތުން ޓޮކެން ހަވާލުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެ ބޭންކަށް ލިބޭ ފައިދާއިން އަނބުރާ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު ވެސް 300 މިލިއަން ރުފިޔާ ވަނީ އިންވެސްޓު ކޮށްފަ އެވެ. އަދި މުޅި ރާއްޖޭގައި 110 ޕްރޮޖެކްޓު ހިންގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި އަހަރު ހުޅުވި ކޮމިއުނިޓީ ފަންޑާ އެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ބޭންކުން ގަބޫލު ކުރެ އެވެ.

މީގެ އިތުރުން، މުޖުތަމައަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު އަނެއްކާ ވެސް ހުޅުވައިލާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ޕްރޮޕޯސަލް އަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް ވާނެޖެހޭ އެވެ. މި އަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލަށް 50،000ރ. ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.