އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ދަނީ މަސައްްކަތް ކުރަމުން: ދިރާގު

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ދިރާގު ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓް ސަރަހައްދަށް ދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްމާއިލް ވިދާޅުވީ، މުވާސަލާތީ ހިދުމަތްތަކުގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ހެޔޮވަމުން އަންނަ ކަމަށެވެ. ރާއްޖޭގެ އިންޓަނެޓްގެ އަގު ވެސް އެކަށީގެންވާ އަގަކަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފުޅާކޮށް ޑިޖިޓަލް ކުރުމުގައި ދިރާގުގެ ހިއްސާ ބޮޑު ކަމަށެވެ. އެގޮތުން 2000 ވަނަ އަހަރުގެ ކުރީކޮޅު 1،253 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އަޅާފައިވާ އިރު ހުރިހާ ރަށަކަށް 3ޖީ ގެ ޚިދުމަތް ވެސް ދިރާގުން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކީ އެއް ސްޕީޑެއްގައި ދިރާގުގެ ހިދުމަތް ދިނުން. ރާއްޖޭގެ 75 ޕަސެންޓް ގޭބީސީ އަށް މިހާރު ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، ޚިދުމަތްތައް ޑިޖިޓަލް ކުރުމަކީ އެހެން ޚިދުމަތްތައް ފަސޭހަ ކަމާ އެކު ހޯދުމަށް މަގުފަހިވާ ކަމެކެވެ. އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ޓޫރިޒަމް ސެކްޓަރު މާލެ އަތޮޅު ފިޔައި އެހެން އަތޮޅުތަކަށް ފުޅާވީ ވެސް މުވާސަލާތީ ޚިދުމަތަށް އައި ކުރިއެރުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ފުޅާ ކުރުމުގައި އުނދަގޫތަކާ ކުރިމަތިވި ނަމަވެސް ދިރާގުން މިހާރު ރާއްޖޭގެ 58 ރަށެއްގައި ފައިބާ ކޭބަލް ވަނީ ވަޅުލައިފަ އެވެ. މި ޕްރޮޖެކްޓް ފެށުމުގެ ކުރިން ފައިބާ ޚިދުމަތް ދިނީ އެންމެ 13 ރަށަށެވެ. ފައިބާ ކޭބަލް ވަޅުމުގައި ދެ އަހަރު ހޭދަވި އެވެ.

އިސްމާއިލް ވިދާޅުވީ، ކުރިމަގުގައި ވެސް ދިރާގު ފައިބާ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކޮށް އަވަސް ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގައި ދެމި ތިބޭނެ އެވެ.