ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓް ގޮޅިތަކާއި ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަނީ

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގެ 57 ގޮޅިއަކާއި ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި އެވެ.


އެޗްޑީސީން ބުނީ، ހުޅުމާލޭ ފެރީޓާމިނަލް ކައިރީގައި ހެދި "ރަށު މާރުކޭޓު"ން މޭވާ އާއި ތަރުކާރީ އާއި އެހެނިހެން ކާބޯތަކެތި ވިއްކަން 37 ގޮޅި ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން 20 ގޮޅިއެއް ހާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް ވިއްކުމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އުޅޭ މީހުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް، ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކާއި ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު އެއްތަނަކުން އަގު ހޮޔެކޮށް ލިބޭނޭ އިންތިޒާމެއް ހަަމަޖައްސަން ހެދި މާރުކޭޓުގެ ކޮންމެ ގޮޅިއެއްގެ ބޮޑުމިނަކީ 69 އަކަފޫޓް ކަމަށެވެ.

ގޮޅިތައް ކުއްޔަށް ހިފަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި ކުރާ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށް ވުން ހިމެނެ އެވެ. ޕްރައިވެޓް އަދި ޕަބްލިކް ކުންފުންޏެއްގެ ނަމުގައި ފޯމު ހުށައެއް ނޭޅޭނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދުގަ އެވެ.

މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހަޅަންޖެހޭ އިރު މަހު ކުލީގެ ގޮތުގައި 3،500ރ. ދޭން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ފުޑް ކޯޓު ހިންގަން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ. ދިހަ އަހަރަށް ކުއްޔަށްދޭ ފުޑް ކޯޓުގެ އަގަކީ އަކަފޫޓަކަށް 30ރ. އެވެ. އެގޮތުން ގްރައުންޑް ފްލޯއިން 4،879 އަދި އެއް ވަނަ ފްލޯ އިން 3،049 އަކަފޫޓްގެ ތަންތަން ލިބެން އެބަހުއްޓެވެ.