ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށް އިނާމު ދީފި

ދިރާގުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަ ބާއްވަމުން އަންނަ އެ ކުންފުނީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ ބާއްވައިފި އެވެ.


އެކުންފުނީގެ 30 ވަނަ އަހަރީ ދުވަހާ ދިމާކޮށް ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބޭއްވި މި ހަފުލާގައި، އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކުރީ އެސިސްޓެންޓް މެނޭޖަރު، ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތު ޝޫޒީ އެވެ.

މީގެ އިތުރުން މި ހަފުލާގައި ލޮންގްސާވިސް އެވޯޑާއި އިނޮވޭޝަން އެވޯޑާއި އައުޓްސްޓޭންޑިންގް ލީޑާ އެވޯޑާއި ޑިވިޝަނަލް މެރިޓް އެވޯޑުގެ އިތުރުން ސްޕެޝަލް މެރިޓް އެވޯޑް 78 މުވައްޒަފަކަށް ވަނީ ދީފަ އެވެ.

އައުޓްސްޓޭންޑިންގް ލީޑާ އެވޯޑް ކާމިޔާބު ކުރައްވާފައި ވަނީ މެނޭޖަރު ހެލްތު އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރު، މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް، މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ، މިގޮތަށް މުވައްޒަފުންގެ އަގުވަޒަންކޮށް އިނާމު ދިނުމުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

އެކުންފުނީގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނައިރު އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހިންނެވެ.