ސަރުކާރު އޮފީސްތަކުން އެގްރީމެންޓަކަށް ބަދަލު ގެނައުމުގެ ކުރިން މީރާއަށް އެންގުމަށް އެދިއްޖެ

ދައުލަތަށް ލިބޭ އާމްދަނީއަކަށް އަސަރުކުރާނެ ފަދަ އެގްރީމެންޓަކަށް ބަދަލެއް ގެންނަ ނަމަ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތަށް ދައްކަަންޖެހޭ ފައިސާއަކާ ގުޅޭ ގޮތުން އެގްރީމެންޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ނުވަތަ އެގްރީމެންޓް ކުރެވިފައިވާ ފަރާތް ބަދަލުވުމުގެ ކުރިން، ނުވަތަ އެގްރީމެންޓް އާ ކުރުމުގެ ކުރިން ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް އެގްރީމެންޓްގެ ބައިވެރިން އެއްބަސްވާ ގޮތެއްގެ މަތިން ދައުލަތަށް ދައްކަންޖެހޭނެ އެވެ.

މިފަދަ އެއްވެސް ބަދަލެއް ގެނެސްފި ނަމަ އެކަން މީރާ އަށް އަންގަންޖެހޭނެ ކަމަށް ފިނޭންސުން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީހަކުން ހަދާފައިވާ ގަވައިދެއްގެ ދަށުން ދައްކަންޖެހޭ ފައިސާއަކާ ގުޅޭ ގޮތުން ބަދަލެއް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަންޖެހޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފަޔާ ނުލައި އެފަދަ އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން މި ބަދަލު ގެނެސްފައިވާ އިރު ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތައް އަޅާނެ ކަމަށް އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ބުނެފައިވެ އެވެ.