އެޕަލް އެއާޕޮޑްގެ އާ ދެ މޮޑެލެއް މި އަހަރު ނެރޭނެ

ބަދަލުތަކެއް ގެނެސް އެޕަލް އިން މިދިޔަ މަހުގެ ތެރޭގައި ނެރުނު އެއާޕޮޑްގެ އިތުރު އާ ދެ މޮޑެލެއް މި އަހަރު ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓެކް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެންމެ ފަހުން ނެރުނު އެއާޕޮޑަށް އިތުރު ބަދަލުތަކެއް ގެނެސްގެން މި އަހަރު ނިމުމުގެ ކުރިން ނެރެން ނިންމި ނަމަވެސް، އެ އުފެއްދުން ނެރޭނެ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

މެކްރޫމާޒް އިން ބުނި ގޮތުގައި އަލަށް ނެރެން ނިންމާފައިވާ އެއާޕޮޑްގެ އާ މޮޑެލްގައި ޑިޒައިނުގެ ގޮތުން ވެސް އުންމީދު ނުކުރާ ކަހަލަ ތަފާތުތަކެއް ހުންނާނެ އެވެ. މީގެ އިތުރުން ކުރިން ނެތް ބައެއް ފީޗާތައް ހިމަނަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ހެލްތު ޓްރެކިން އާއި ނޮއިޒް ކެންސެލިން އާއި ފަރާތްފަރާތަށް އަޑު ދައުރުވުން ހުއްޓުވައި ދިނުން ފަދަ ފީޗާތައް ހިމެނޭ ކަމަށްވެ އެވެ.

އެޕަލްގެ އެއާޕޮޑްގެ އާ މޮޑެލްތައް ނެރުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، އޭގެ އަގަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެކަމަކު އެޕަލްގެ އަމާޒަކީ އެންމެ ފަހުން ނެރުނު އެއާޕޮޑްތަކަށް ވުރެ އަގު ބޮޑު ނުވާ ގޮތަށް ކަސްޓަމަރުންނަށް އެ އުފެއްދުން ފޯރުކޮށް ދިނުން ކަމަށް މީޑިއާތަކުން ބުންޏެވެ.

އެންމެ ފަހުން ނެރުނު އެއާޕޮޑްތައް ވިއްކަނީ 159 ޑޮލަރާއި 199 ޑޮލަރަށެވެ.