މި ފާހާނާ އިން އިހުސާސް ކުރެވޭނީ ކަނޑު އަޑި

ޖަޕާނަކީ އަބަދު ވެސް ވަރަށް ތަފާތު ކަންކަން ކުރަން މަޝްހޫރު ގައުމެކެވެ. ފާހާނާތަށީގެ ބައްޓަމަށް ހުންނަ ތަށިތަކެއްގައި ކެއުންތައް ސާވްކޮށްދޭ ރެސްޓޯރަންޓެއް ޖަޕާނުގައި ހުޅުވި ވާހަކަ ތަންކޮޅެއް ކުރިން ދެކެވުނެވެ.


މި ފަހަރު އަނެއްކާ ވެސް ފާހާނާތަށީގެ ތަފާތު ވާހަކައެކެވެ. މި ތަށިމަތީގައި އިށީނދެލީމާ އިހުސާސް ކުރެވޭނީ ކަނޑުއަޑީގައި އިނދެވޭހެންނެވެ. ވަށައިގެން ފެންނަނީ ކަނޑުއަޑީގެ ރީތި މަންޒަރުތަކެވެ.

މި މަންޒަރު ސިފަވާ ގޮތަށް ޖަޕާނުގެ އަކާޝީ ސިޓީގެ ހަޔަޝިކާޒީ މެޓްސޫގެ އައްސޭރިފަށުގައި ހުޅުވާފައިވާ "ހިޕޯޕޯ ޕާޕާ ކެފޭ" އަކީ މިހާރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ތަނެކެވެ. ކެފޭގެ ފާހާނާ ތައްޔާރުކޮށްފައި ހުންނަނީ އެކްއޭރިއަމެއް ގޮތަށެވެ.

އެހެންވެ ފާހާނާކޮށްލަން ތަށިމަތީގައި ޖައްސައިލުމާ އެކު މީހާ އެ ގެންގޮސް ދެނީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުގެ ތެރެއަށެވެ. ފާހާނޮށްލައިގެން ނުކުންނަ އިރު ފަހަރުގައި މިއީ ޑައިވެއްކޮށްލާފައި މައްޗަށް އެރުން ކަހަލަ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވިދާނެ އެވެ. ތަށިމަތީގައި އިންނަ އިރު ފެންނާނީ އެކި ކުލަކުލައިގެ މަސްތަކާއި މުރަކަ އެވެ.

"ހިޕޯޕޯ ޕާޕާ ކެފޭ" ގެ މެނޭޖްމަންޓާ ހަވާލާދީ ޑެއިލީ މެއިލުން ބުނި ގޮތުގައި މި ތަފާތު ފާހާނާ ތައްޔާރު ކުރަން އެތަނުން 200،000 ޕައުންޑް (257،894.00 ޑޮލަރު) ހަރަދުކޮށްފައިވެ އެވެ.

"އެ ފާހާނާ ހާއްސައީ އަންހެނުންނަށް. އެކަމަކު ކެފޭ އަށް އަންނަ ކަސްޓަމަރުން އިތުރު ކުރުމުގެ ގޮތުން ބައެއް ފަހަރު ފިރިހެން ކަސްޓަމަރުންނަށް ވެސް އެކްއޭރިއަމް ފާހާނާ ތަޖުރިބާކޮށްލަން ފުރުސަތު ދެން،" ކެފޭއާ ހަވާލާދީ ޑެއިލީ މެއިލުން ބުންޏެވެ. "މިތަނަށް ކާން އަންނަ މީހުންނަށް ވުރެ ގިނައީ އެކްއޭރިއަމް ފާހާނާގައި ވަގުތުކޮޅެއް ހޭދަކޮށްލަން އަންނަ މީހުން."