ދުވަސްވީ މީހުންނަށް މެކްޑޮނަލްޑްސް އިން ވަޒީފާ ދެނީ

އެމެރިކާގެ މަޝްހޫރު ފުޑް ޗެއިން މެކްޑޮނަލްޑްސް އިން، އުމުރުން ދުވަސްވީ މީހުންނަށް ވަޒީފާ ދޭން ނިންމައި، އެ ގައުމުގެ އެކި ސިޓީތަކުގައި މީގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެއްޖެ އެވެ.


މެކްޑޮނަލްޑްސް އިން ބުނީ އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފައުންޑޭޝަން ދި އޭއޭއާރްޕީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވަޒީފާ ދޭން ހަމަޖެހިފައި ވަނީ އުމުރުން 50 އާއި 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

މެކްޑޮނަލްޑްސް އިން ބުނި ގޮތުގައި އެތަނުގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ އެ އުމުރުގެ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިފަދަ ކަމެއް ކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ވަޒީފާ އަދާ ނުކުރާ ދުވަސްވީ މީހުންނަށް ހަރަކާތްތެރި ދިރިއުޅުމެއް ހޯދައިދީ، އެ ނިސްބަތް މަދުކުރުމާ އެކު މެކްޑޮނަލްޑްސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން ގިނަ ޒުވާނުންނަށް ކިޔެވުން ފަދަ ކަންކަން ވެސް ކުރާތީ ހެނދުނުގެ ޑިއުޓީ ނަގަން ޒުވާން މުވައްޒަފުންނަށް ހުރަސްތަކެއް ހުންނާތީ އެވެ.

އެހެންވެ އުމުރުން ދުވަސްވީ މީހުންނަށް ވަޒީފާ ދީގެން ހެނދުނާއި މެންދުރު ޝިފްޓްތައް އޮމާންކޮށް ގެންދެވޭނެ ކަމަށް މެކްޑޮނަލްޑްސް އިން ބުންޏެވެ.

އެ ކުންފުނިން މިހާރު ވަނީ ދުވަސްވީ މީހުންނަނަށް ހާއްސަކޮށްފައިވާ މަގާމުތައް އޭއޭއާރްޕީގެ ވެބްސައިޓްގައި ވެސް ހިމަނައިފަ އެވެ.

މެކްޑޮނަލްޑުން ބުނި ގޮތުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، ދުވަސްވީ މީހުންނަށް ވަޒީފާދޭ ޕްރޮގްރާމް ފުރަތަމަ ކުރިއަށް ގެންދާނީ ފްލޮރިޑާ، އިލިނޯއި، އިންޑިއާނާ، މިޒޯރީ އަދި އުތުރު ކެރޮލައިނާގަ އެވެ. މެކްޑޮނަލްޑްގެ އަމާޒަކީ ދުވަސްވީ މީހުންނަށް މަދުވެގެން 250،000 ވަޒީފާގެ ފުރުސަތު ދިނުމެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ އެމެރިކާގެ ޗީފް ޕީޕަލް އޮފިސަރު މެލީސާ ކާސީ ވިދާޅުވީ "ޑައިވާސް ވޯކްފޯސްއެއް" އޮތުމަކީ ވިޔަފާރިއެއް ކާމިޔާބުވުމުގެ މައިގަނޑު އެއް ސިއްރު ކަމަށެވެ.

"އެހެންވީމާ އަހަރެމެން ވެސް ގަބޫލުކުރަން ދުވަސްވީ މީހުންގެ ހިދުމަތާއި ތަޖުރިބާ އިން އަހަރެމެންނަށް ވެސް އިތުރު ހަރުފަތްތަކެއް ގިރާކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މެކްޑޮނަލްޑްގެ އިތުރުން ބޮޑެތި ބައެއް އެހެން ކުންފުނިތައް ވެސް ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ޕްރިޮގްރާމްތަކެއް ހިންގަން އޭއޭއާރްޕީއާ އެކު އެއްބަސްވުންތައް ހަދާފައިވެ އެވެެ. އޭގެ ތެރޭގައި ގޫގްލް، ރިޓެއިލް ކޮމްޕެނީ ސީވިއެސް ފާމަސީ އަދި މޭސީސް އިންކް ހިމެނެ އެވެ.

"އަހަރެމެންނާ ގުޅޭ ކުންފުނިތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވުމަކީ ވަރަށް ރަނގަޅު ފާލެއް." އޭއޭއާރްޕީގެ ގެ ފައިނޭންސް ރެސީލިއެންސީ ޕްރޮގްރާމިންގެ ވައިސް ޕްރެޒިޑެންޓް ސީޒަން ވެއިސްޓޮކް ވިދާޅުވި އެވެ.