"މީން ގާލްސް" އަށް 15 އަހަރު ފުރުން ފާހަގަކުރަން ފިޔާތޮށި ދުވަހެއް

ފުރާވަރު އަންހެން ކުދިންތަކެއްގެ ވާހަކަ ކިޔައިދިން ހޮލީވުޑްގެ މަޝްހޫރު ފިލްމު "މީން ގާލްސް" ރިލީޒް ކުރިތާ 15 އަހަރު ފުރުން ފާހަގަކުރަން ލަންޑަނުގެ ރެސްޓޯރަންޓަކުން އެތަނުގެ އެއް ދުވަހުގެ މެނޫ "ފިޔާތޮށިކޮށްލައިފި" އެވެ.


އެޕްރީލް، 30، 2004 ގައި ރިލީޒް ކުރި ފިލްމުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މެނޫ ފިޔާތޮށީކޮށްލީ ލަންޑަނުގައި ހިންގާ "ޓްވިސްޓެޑް ލަންޑަން" ރެސްޓޯރަންޓުންނެވެ. އެގޮތުން މިއަދު (މެއި 1) އެތަނުން ލިބޭ ކާނާތަކާއި ބުއިންތަކުގެ މައިގަނޑު ކުލައިގެ ގޮތުގައި ހުންނާނީ އަންހެނުން އެންމެ ގަޔާވާ ކަމަށް މަޝްހޫރު ފިޔާތޮށި ކުލައިގަ އެވެ.

"ޓްވިސްޓެޑް ލަންޑަން" އިން ވަނީ ފިޔާތޮށި ކުލަ ހިމަނައިގެން ތައްޔާރުކޮށްފައިވާ ބައެއް ކާ އެއްޗެހީގެ ފޮޓޯ އާއި ވީޑިއޯ ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

މާކް ވޯޓާޒް ޑައިރެކްޓް ކުރި "މީން ގާލްސް" އަކީ އެ ރިލީޒް ކުރި ދުވަސްވަރު ޒުވާން އަންހެނުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. އޭގެ މައިގަނޑު ތަރިންނަކީ ލިންޒީ ލޯހާން، ރެޗެލް މެކްއެޑަމްސް، ޓިމް މިޑޯޒް، އަނާ ގެސްޓެޔާ، އެމީ ޕޮއެލާ އަދި ޓީނާ ފީ އެވެ.

ޖުމްލަ 17 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "މީން ގާލްސް" އަށް ބޮކްސް އޮފީހުގައި 129 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.