މާރުކޭޓުގައި ކަރާ ތިޔާގި، މިފަހަރު ތަދުވާނީ މިރުސް

މި އަހަރުގެ ރޯދަ މަހަށް މާރުކޭޓުން ފަސޭހައިން ކަރާ ލިބޭނެ ކަމަށާއި އެހެން ނަމަވެސް މިރުސް ލިިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފި އެވެ.


ރޯދަ މަހަށް ފަސް ދުވަހަށް ވެފައިވާ އިރު މާރުކޭޓުގައި ކަރާ ކިލޯއެއް ލިބެން ހުރީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާރުކޭޓުގައި ތަކެތި ވިއްކާ މީހުން ބުނީ، ކަރާ ކޮންމެ ދުވަހަކު ވެސް ބޭނުންވާ މިންވަރަށް އަންނަ ކަމަށާއި ރަމަޟާން މަހުގެ މެދަކާ ހަމަޔަށް ދާ އިރު ކަރަލުގެ އަގު ދަށަށް ދާނެ ކަމަށެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު 15ރ. އަށް ވެއްޓޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

"މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޯދަމަހަށް ކަރާ ހާއްސަކޮށް ހައްދާ. ތޮއްޑޫން އެކަންޏެއް ނޫން ކަރާ އަންނަނީ، ކެލާ އާއި ކާށިދޫ އާއި ކަނޑޫދޫން ވެސް ކަރާ އާދޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖޭގެ ކަރަލުގެ އިތުރުން މާރުކޭޓުގައި އިންޑިއާއިން ގެންނަ ކަރާ ވެސް އަންނަނީ ވިއްކަމުންނެވެ.

މާރުކޭޓުން ކަރާ ލިބެން ހުރި އިރު މި އަހަރުގެ ރަމަޟާން މަހު އެންމެ ލިބުން ދަތިވާނީ މިރުސް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. މާރުކޭޓުގައި މިރުސް ލިބެން ހުރީ، 100 ގްރާމު 90ރ. އަށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުން ގެންނަ މިރުސް މާރުކޭޓުގައި ވެސް އަގު ހެޔޮކޮށް ހުއްޓެވެ. އެގޮތުން 100 ގްރާމު 20ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުއްޓެވެ.

ލޯކަލް މާރުކޭޓުގެ ސްޓޯލެއްް--ފޮޓޯ:ހުސައިން ވަހީދު/މިހާރު

މިރުހުގެ އަގު އެހާ ބޮޑަށް މައްޗަށް އަރާފައިވަނީ ރާއްޖޭގައި އެންމެ ގިނައިން މިރުސް ހައްދާ ރަށް ކަމުގައިވާ ކަނޑޫދޫން މިރުސް ނުލިބުމެވެ.

ރޯދަމަހަކީ މާރުކޭޓުން ވިޔަފާރި ކުރާ މިންވަރު ދެ ގުނައަށް އިތުވާ ދުވަސްވަރެކެވެ. އެގޮތުން ރޯދަމަަހަށް ހާއްސަކޮށް ލޯކަލް މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ވިއްކާ ފަރާތްތަކުން ހާއްސަ ތައްޔާރީތައްވެ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަމަހަށް ހާއްސަކޮށް އެންމެ ގިނައިން ވިކެނީ، ފަނި ގިރުމަށް ބޭނުން ކުރާ ސާމާނާއި ސަޓަނި ހެދުމަށް ބޭނުން ކުރާ ސާމާނު ކަމަށެވެ.

"ރޯދަމަހަށް ހާއްސަކޮށް އަންނަ އާދިއްތަ ދުވަހު ތަކެތި އަންނާނެ. އެންމެ ގިނައިން ގެންނަނީ ފަނި ގިރާ ސާމާނު. ހަމައެކަނި ރާއްޖޭ ސާމާނެއް ނޫން މިހާރު ވިއްކަނީ. ބޭރުން ވެސް މޭވާ ގެންނަން،" ވިޔަފާރިވެރިއަކު ބުންޏެވެ.