މަނީ ލޯންޑްރިން މައްސަލަތަކާ މެދު އީޔޫގެ މާހިރަކާ މަޝްވަރާކޮށްފި

މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރާ ގޮތާ މެދު ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޔޫރަޕިއަން ޔޫނިއަންގެ ކަމާ ބެހޭ މާހިރަކާ މަޝްވަރާ ކުރައްވައިފި އެވެ.


ފުލުހުންގެ އިދާރާއިން މިއަދު ބުނީ އީޔޫގެ މާހިރެއް ކަމަށްވާ ޕެޑްރޯ ގޯމޭޒް ޕެރޭރާ އާއި ހަމީދު މަޝްވަރާ ކުރެއްވީ ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލަތައް އެހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ކުށްތައް ހުއްޓުވުމާ ބެހޭ ގޮތުން ވެސް އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އީޔޫގެ މާހިރަކާ ހަމީދު މިފަދަ މަޝްވަރާ ތަކެއް ކުރެއްވި އިރު މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެފަދަ ބޮޑެތި މައްސަލަތަކެއް ބަލައި އެކަންކަމުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.