އުރީދޫގެ ފުރަތަމަ ގިގަބިޓް ސިޓީއަކީ ފުވައްމުލައް

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބާ އޮޕްޓިކް ނެޓްވޯކް މެދުވެރިކޮށް، ސުޕަނެޓް ޚިދުމަތް ތައާރަފްކޮށްފި އެވެ.


އެ ޚިދުމަތާ އެކު ފުވައްމުލަކަކީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީ އެވެ.

ޓެކްނޮލޮޖީގެ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑު ލިބޭ، ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.

އުރީދޫ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް، ފުވައްމުލަކުގައި ތައާރަފްކޮށްދެއްވީ، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

ފުވައްމުލަކަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް ކަން ފާހަގަކުރައްވައި، އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އެ ޚިދުމަތް ފުވައްމުލަކުގައި ތައާރަފްވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށެވެ. އަލަށް ތައާރަފް ކުރި ހިދުމަތާ އެކު ފުވައްމުލަކުގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަނގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭނެ އެވެ.

އުރީދޫ އިން ވަނީ އެ ޚިދުމަތަކާ އެކު އިންޓަނެޓްގެ ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ.

އެގޮތުން ޖޫން 5 ގެ ކުރިން ސުޕަނެޓްގެ ހިދުމަތް ގަންނަ ފަރާތްތަކަށް ކޮންމެ ޕެކޭޖެއް ނެގި ނަމަވެސް ހަމަސް ދުވަހުގެ މުއްދަތަށް 20 އެމްބީޕީއެސް ޕެކޭޖުގެ ސްޕީޑު ލިބޭނެ އެވެ. މީގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަށް އެމޭޒަން ޕްރައިމް ވީޑިއޯ މެމްޕާޝިޕް ހިލޭ ލިބޭނެ އެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެ އވެެ.

ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެ އެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކޮށްފަ އެވެ.