ގެސްޓް ހައުސްތަކަށް އަމާޒުކޮށް ސެމިނާތަކެއް ބާއްވައިފި

ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން މާކެޓިން ސެމިނާތަކެއް ބާއްވައިފި އެވެ.


މި ސެމިނާތައް ބާއްވާފައި ވަނީ ގެސްޓްހައުސް އެސޯސިއޭޝަނާ ގުޅިގެންނެވެ. މިގޮތަށް ސެމިނާތަކެއް ބޭއްވުމުގެ ބޭނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ލޯކަލް އައިލެންޑް ޓޫރިޒަމަށް އެހީތެރިވުމެވެ. ސެމިނާތައް ކުރިއަށް ގެންގޮސްފައިވަނީ މާޗު 19 އިން މެއި 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސެމިނާތައް ބާއްވާފައިވަނީ އއ. ރަސްދޫ އާއި އއ. އުކުޅަހާއި އދ. ދިގުރަށާއި ވ. ތިނަދު އާއި ކ. މާފުށީގެ އިތުރުން ބ. ދަރަވަންދު އާއި ހދ. ހަނިމާދު އާއި އައްޑު އާއި ލ. ގަމުގަ އެވެ. މީގެ އިތުރުން ގދ. ތިނަދު އާއި މާލޭގައި ވެސް ވަނީ މި ސެމިނާ ބާއްވައިފަ އެވެ.

މި ސެމިނާތަކުގައި 177 މީހުން ބައިވެރިވި އެވެ. ގެސްޓްހައުސްތައް މާކެޓު ކުރުމަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މި ސެމިނާތަކުގައި ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތަކާއި އަންނަ ބަދަލުތަކުގެ އިތުރުން ހޮޓެލް ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމެންޓާއި ރެވެނިއު މެނޭޖްމެންޓާއި އޮންލައިން އެންޑް ސޯޝަލް މީޑިއާ މާކެޓިންއާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

މިސެމިނާތަކަށް 244،062ރ. ހޭދަކުރި ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުންދާ އިރު މިހާރު ވެސް ޖުމްލަ 548 ގެސްޓްހައުސްގެ ހިދުމަތް އަންނަނީ ދެމުންނެވެ.