ވެމްކޯގެ ހާއްސަ އޮޑިޓްގެ ނުވަ މައްސަލައެއް ދަނީ ބަލަމުން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހާއްސަ އޮޑިޓުގައި ނުވަ މައްސަލައެއް އޮޑިޓް އޮފީހުން ބަލަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ، އޮޑިޓް އޮފީހުގެ ހާއްސަ އޮޑިޓްގައި މުދާ ގަތުމަށް ހަދާފައިވާ އެއްބަސްވުންތަކާއި ހުއްދަނެތި ތަކެތި ގަތުމުގެ މައްސަލަތައް އެބަހުރި ކަމަށެވެ. ޖުމްލަ ގޮތެއްގައި ހުރިހާ މައްސަލަތަކެއް ވެސް ގުޅިފައިވަނީ ޕްރޮކިއުމެންޓުން ގަނެފައިވާ ތަކެއްޗާ ކަމަށާއި އޭސީސީން އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

އާދަމް ވިދާޅުވީ، އޭސީސީން ހަތަރު މައްސަލައެއް ބަލަމުންދާއިރު އެ މައްސަލަތަކީ ވެސް ވެމްކޯއިން ކޮށްފައިވާ ހަރަދުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން ވެމްކޯ ފަށައިގަތް ދުވަސްވަރު ތަކެތި ގަނެފައި ހުރި ގޮތާއި ފައިސާ ހަރަދު ކުރި ގޮތާ ގުޅޭ މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

ވެމްކޯއާ ހަވާލުވިއިރު ދަރަނި 70 މިލިއަން ރުފިޔާގައި އޮތް އިރު މިހާރު އެ ދަރަނި 48 މިލިއަން ރުފިޔާ އަށް ދަށްކޮށްފައިވާ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.