އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ނުބަހަން ނިންމައިފި

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ ނުބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.


އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ ނުބަހަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމީ ފައިދާ ދަށްވުމާ ގުޅިގެންނެވެ. އެ ނިންމުން 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީން ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމި އިރު 2017 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އިން ހިއްސާ އަކަށް 2.60ރ. ގެ މަގުން ބަހާފައިވެ އެވެ. އެ އަހަރު ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ބެހީ 20.6 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ 64.2 ޕަސެންޓް ހިއްސާ އަކީ ސަރުކާރެވެ. އާންމު ހިއްސާދާރުންގެ ޕަސެންޓަކީ 31.15 އެވެ.