ސާޓެކްގެ ސްޓިއަރިން ކޮމިޓީގެ ތިން ވަނަ ބައްދަލުވުން ފަށައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ޚާއްސަކޮށްގެން އައިއެމްއެފް އިން ގާއިމްކޮށްފައިވާ ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރ (ސާޓެކް) ގެ ސްޓިއަރިން ކޮމިޓީގެ ތިން ވަނަ ބައްދަލުވުން ފަށައިފި އެވެ.


ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު އާއި ގަވަރުނަަރު އަހުމަދު ނަސީރުގެ އިތުރުން އައިއެމްއެފް އަދި ސާކުގެ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ސާޓެކްގެ ތިންވަނަ ސްޓިއަރިން ކޮމިޓީގައި ފިނޭންސް މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ:އެމްއެމްއޭ

ބައްދަލުވުން ފައްޓަވައި ދެއްވަމުން ފިނޭންސް މިިސްޓަރު އަމީރު ވަނީ ސާޓެކްގެ ސަބަބުން ދެކުނު އޭޝިއާ އަށް ކުރާ ފައިދާ ފާހަގަ ކުރައްވައިފަ އެވެ. އަދި މި ސަރަހައްދަށް މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ސާޓެކުން ވަމުން އަންނަ އެހީ ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސާޓެކްގެ ބައްދަލުވުމުގައި ގަވަރުނަރު ވާހަކަ ދައްކަވަނީ-- ފޮޓޯ:އެމްއެމްއޭ

މި ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާޓެކުގެ ފަރާތުން އެމްއެމްއޭއަށް ތަފާތު ރޮގުތަކުން އެހީވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި ތަންފީޒު ކުރަން ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ސާޓެކަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ފަގީިރުކަން ނައްތާލައި އިގްތިސާދީ ދުވެލި ކުރިއެރުވުމަށް އެކުލަވާ ޕޮލިސީތަކުގައި އެކި ގައުމުތަކަށް އެހީވުމަށް އައިއެމްއެފް އާއި މެމްބަރު ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ސެންޓަރެކެވެ. ސާޓެކުގެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ ހިމެނެ އެވެ.