ގްރީން ޓެކްސްގެ އާމްދަނީ މާޗް މަހު މައްޗަށް

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މާޗް މަހު 83 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެ ހިސާބުތައް ދައްކާ ގޮތުން، ގްރީން ޓެކްސްގެ ގޮތުގައި މާޗް މަހު ލިބުނު އަދަދު ވަނީ މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު 79 މިލިއަން ރުފިޔާ ލިބިފައިވާއިރު މާޗް މަހު އެ އަދަދު ވަނީ ހަތަރު މިލިއަނަށް އިތުރުވެފަ އެވެ.

ފިނޭންސް މިިނިސްޓްރީން ބުނީ، ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން މާޗު މަހު ލިބުނީ 73 މިލިއަން ރުފިޔާ ކަމަށެވެ. ރަށްރަށުގައި ހުންނަ ހޮޓާތަކުން ލިބުނީ ދެ މިލިއަން ރުފިޔާ އެވެ. ގެސްޓް ހައުސް ތަކުން މިދިޔަ މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ ހަތަރު މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެ އަތޮޅުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ދައްކައިފަ އެވެ. އދ. އަތޮޅުން 10 މިލިއަން ރުފިޔާ ލިބިފައިވާއިރު ބ. އަތޮޅަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ ހަތް މިލިއަން ރުފިޔާ އެވެ.

ލިވަބޯޑާއި ސަފާރީތަކަށް ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ލިބުނީ ތިން މިލިއަން ރުފިޔާ އެވެ. މި އަދަދު ވެސް ވަނީ މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. ލިވަބޯޑާއި ސަފާރީތަކުން ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު ލިބިފައި ވަނީ 2.9 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރުގެ ނިޔަލަށް 892.7 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބޭނެ އެވެ. އެގޮތުން، މިދިޔަ ހަފުތާއާ ހަމައަށް ދައުލަތަށް ވަނީ ގްރީން ޓެކްސްގެ ގޮތުގައި 339.3 މިލިއަން ރުފިޔާ ލިބިފަ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2015 ވަނަ އަހަރު އެވެ.

އެންމެ ފުރަތަމަ މި ޓެކްސް ނަގާފައި ވަނީ ރިސޯޓުތަކާއި ސަފާރީތަކުގައި އުޅޭ ޓޫރިސްޓުންގެ އަތުންނެވެ. ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ގެސްޓް ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.