ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުފުލި ކާގޯގެ އަދަދު މައްޗަށް

މިދިޔަ އަހަރު 73،200 ޓަނުގެ އެއާ ކާގޯ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުފުލައިފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 2017 ވަނަ އަހަރު ކާގޯ އުފުލި މިންވަރަކީ 67،200 ޓަނެވެވެ. އެހެން ކަމުން މިދިޔަ އަހަރު ކާގޯ އުފުލި މިންވަރު މިވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ގިނައިން ކާގޯ އުފުލާފައިވަނީ ރާއްޖެއަށް އަންނަ ފްލައިޓްތަކުންނެވެ. އެގޮތުން ރާއްޖެ އާއި މަތިންދާ ބޯޓްތަކުން 45،000 ޓަނުގެ ކާގޯ ގެނެސްފައިވެ އެވެ.

ރާއްޖެއިން ބޭރުކޮށްފައިވަނީ 13،000 ޓަނުގެ ކާގޯ އެވެ. އެންމެ ގިނައިން ރާއްޖެއަށް ކާގޯ އުފުލާފައިވަނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު އެވެ. އަދި އެންމެ މަދުން ކާގޯ އުފުލާފައިވަނީ ޖުލައި މަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 1600 ކިލޯގެ ކާގޯ އުފުލާފައިވެ އެވެ. އެގޮތުން އެންމެ ގިނަ ކާގޯ ޑިސެމްބަރު މަހު އުފުލި އިރު އެންމެ މަދުން ކާގޯ އުފުލާފައިވަނީ އޮކްޓޫބަރު މަހު އެވެ.