ރުފިޔާ ދައްކައިގެން އެމްސީބީގެ ޕްރީޕެއިޑް ކާޑު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ޑޮލަރުގެ ބަދަލުގައި ރުފިޔާ ދައްކައިގެން، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ ވިސާ ޕްރީޕެއިޑް ކާޑު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން މިއަދު ފަށައިފި އެވެ.


އެމްސީބީގެ ހެޑް އޮފް މާކެޓިން ނުޝްރަތު އަފީފް ވިދާޅުވި ގޮތުގައި މިއީ ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކަށްދާ މީހުންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރެވޭތީ އެކަމަށް ފަސޭހަ ގޮތެއް ފަހިކޮށްދިނުމަށް ހިންގާ ޕްރޮމޯޝަނެކެވެ.

އޭނާ ވިދާޅުވީ ވިސާ ޕްރީޕެއިޑް ކާޑް ގަންނަން އެމްސީބީއަށް ފުރަތަމަ ދާ 100 ކަސްޓަމަރުން މަދުވެގެން 500 ޑޮލަރަށްވާ ރުފިޔާ (7،710ރ.) ދިނުމުން ކާޑު ލިބޭނެ ކަމަށެވެ. އަދި އެމްސީބީގައި އެކައުންޓެއް ނެތަސް މި ކާޑު ލިބޭނެ ކަމަށާއި ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ކާޑު ބޭނުން ކުރެވޭނެ ކަމަށް ނުޝްރަތު ވިދާޅުވި އެވެ.

މޮރިޝަސް ބޭންކުން ބިދޭސީއަކަށް މިއަދު ހިދުމަތް ދެނީ: ޑޮލަރުގެ ބަދަލުގައި ރުފިޔާ ދައްކައިގެން ވިސާ ޕްރީޕެއިޑް ކާޑް ލިބޭ ޕްރޮމޯޝަން މި ހަފުތާގެ ނިޔަލަށް އެމްސީބީން ކުރިއަށް ގެންދާނެ ކަމަށް އެ ބޭންކުން ބުނޭ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްސީބީން ބުނީ ޕްރީޕެއިޑް ކާޑަކީ ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމަށާއި އޮންލައިންކޮށް ވިޔަފާރި ކުރުމަށް ނުވަތަ އެހެން މީހަކަށް ހަދިޔާއެއް ދިނުމަށް އެންމެ ރަނގަޅު ވިސާ ކާޑު ކަމަށެވެ. އަދި އޭޓީއެމުން ދުވާލަކު 600 ޑޮލަރު ނެގޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

"ވިޔަފާރި ކުރަން ވިޔަސް، ނުވަތަ އޮންލައިން ވިޔަފާރި ވެސް [ކާޑުން] ކުރެވޭނެ. މި ކާޑު ބޭނުން ކުރާއިރު، ޑެއިލީ ލިމިޓެއް ނޯންނާނެ،" ނުޝްރަތު ވިދާޅުވި އެވެ.

އެމްބީސީގެ ބްރާންޗަށް ޒިޔާރަތްކޮށްގެން ޕްރީޕެއިޑް ކާޑަށް ޑޮލަރުގެ އިތުރުން ޕައުންޑާއި ޔޫރޯ އިން ވެސް ޖަމާ ކުރެވޭނެ އެވެ. އެކަމަކު އީދު ޗުއްޓީއާ ދިމާކޮށް އަލަށް ނަގާ ޕްރީޕެއިޑް ކާޑަށް ރުފިޔާއިން ޖަމާ ކުރެވޭ މި ޕްރޮމޯޝަން މި ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

އެމްސީބީގެ ވިސާ ޕްރީޕެއިޑް ކާޑު ތައާރަފް ކުރީ މިދިޔަ އަހަރު އެވެ. މި ކާޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްސީބީން ބުންޏެވެ.